ބަކާ ނިޔާވުމަކީ ލިބުނު ފުން ހިތާމައެއް: ރައީސް

3 months ago

އަފްރާހް

ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރ މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މުޙައްމަދު ޢާރިފު ނިޔާވުމާއި ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ.


މީސްމީޑިޔާ މެދުވެރިކުރައްވައި ރައީސް ކުރެއްވި ޕޯސްޓުގައި ކުޅިވަރުގެ ދާއިރާއަށް އަދި ވަކިން ހާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްކޮށްދެއްވައި ގައުމަށް ފަޚުރުވެރި ނަން ހޯދައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާގެ އާއިލާއަށް ކެތްތެރިކަން ދެއްވައި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ހެޔޮ ދުޢާ ކުރައްވާފައިވެއެވެ.


ރައީސްގެ އިތުރުން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވެސް ވަނީ މީސް މީޑިޔާ މެދުވެރިކުރައްވައި މަރްޙޫމް މުހައްމަދު ޢާރިފްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.


ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ ޖޫން 25 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާގެ ހާލު ސީރިއަސްވެގެން އެންދުމަތިކުރީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު، މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުންނެވެ.


ބަކާ ހައްޖަށް ދިޔައީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުންނެވެ.


 މުހައްމަދު އާރިފް (ބަކާ) ގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ހާމަކުރައްވާފައެވެ. 



ކިޔުންތެރިންގެ ހިޔާލު