މެނިންގޮކޯކޮލް: ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭގެ ލަފާ

3 months ago

އަފްރާހް

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ މެނިންގޮކޯކޮލް ނަމަކަށް ކިޔާ ބައްޔެއް ރާއްޖެއިން ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިލައްވަައިފިއެވެ.


އެ އެޖެންސީން ވިދާޅުވީ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާއި ގުޅިގެން ކަމާއިބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދަމުން އަންނަކަމަށެވެ. އަދި ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފެށިފައިވާ ކަމަށެވެ.


މީގެއިތުރުން މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާ އިން ކަމަށާއި ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައި ކަަމަށް ވެސް ވިދާޅުވިއެވެ.


މެނިންގޮކޯކޮލްގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުން، ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން، ބޮލުގައި ރިއްސުން، އަބަދު ވަރުބަލިވެފައި ނުވަތަ ވަރުދެރަވެފައި ހުރުން ހިމެނެއެވެ. އަދި އަވަސް އަވަހަށް ނޭވާ ލެވުމާއި ރަތް ނުވަތަ ގަދަ ދަނބުކުލައިން ނޫފައިގަނެފައި ހުންނަ ގޮތަށް ގައިގެ އެތަން މިތަން ހުރުމާއި ހޮޑުލެވުން ވެސް ހިމެނެއެވެ.


އެޗްޕީއޭ އިން ވިދާޅުވީ ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭނީ ބަލި މީހުންނާ އެއް ގެެއެއްގައި ދިރިއުޅޭ މީހުންނާއި ބަލިމާިހާ އާއެކު މަތިންދާ ބޯޓުން ނޫނީ ބަހުގައި ވަރަށްގިނައިރު ވަންދެން ދަތުރުކޮށްފައިވާ މީހުން ކަމަށެވެ. އަދި ބަލިމީހާގެ ކުޅު ފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔަޔަކަށް ހުށަހެޅިފައިވާ މީހުން ކަމަށެވެ.


އެހެންނަމަވެސް ބަލިމީހާ އާ އެއްފުޅިން ފެންބޮއެ، އެކުގާ ކައިބޮއެ ހަދާފައިވާ މީހުންނަކޯ ކްލޯޒްކޮންޓެކްޓުގެ ގޮތުގައި ނުހިމެނޭނެ ކަމަށް ވިދާޅުވިއެވެ. އަދި ބަލިމީހާ އާ ކުޑަވަގުތުކޮޅަކަށް ދިމާވެފައިވާ މީހުންނާއި ބަލިމީހާގެ ސީދާ ކޮންޓެކްޓުންނާ ދިމާވެފައިވާ މީހުން ވެސް ނުހިމެނޭނެ ކަމަށް ވިދާޅުވިއެވެ.


އެޗްޕީއޭ އިން ވަނީ މިއަހަރު ހައްޖަށް ދިޔަ ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމުކަން ވެސް ފާހަގަ ކުރައްވާފައެވެ.


ހަމަމިއާއެކު މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދޭ ކަމަށާއި މެނިންޖައިޓިސް ވެކްސިނުން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ. އަދި މި ބަލިން ރައްކާތެރިވުމަށް މަދުވެގެން ދެ ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު

މުޑޭ

ވެކްސިން އުފެއްދުމަކީވެސް މެޑިކަލް މާފިޔާގެ އެންމެ ވަރުގަދަ އެއްވިޔަފާރިއެވެ. އަނެތް ވެކްސިން މުޅިދުނިޔަށް ނުކުތީމަ ޓްރިލިޔަން ޑޮލަރު ލިބުނީ. އެޗްޕީއޭގެ އެންމެ ބޮޑު ޒިންމާއަކީ ބަލިއިސްތިހާރުކޮއްދިނުން

3 months ago