މެދުރާއްޖެތެރެއަށް މޫސުން ގޯސް، މިހާރުވެސް ރީނދޫ ސަމާލުގަ

3 months ago

އަފްރާހް

މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރައްވައި، ބައެއް ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ނެރުއްވާފައިވާ ރީނދޫ ސަމާލުގައި ވިދާޅުވެފައިވަނީ ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަަމަށެވެ.


މީގެއިތުރުން މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މޫސުން ލަފާކުރާގޮތަށް ބަލައި، ނެރުއްވާފައިވާ މޫސުމީ ބުލެޓިންގ ގައި ވަނީ މެދުރާއްޖެތެރެެއާއި އުތުރުގެ އެކި ހިސާބުތަކަށް ވއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.


އެހެންނަމަވެސް ދެކުނުގެ އަތޮޅުތަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރައްވައެވެ.


އެ އިދާރާ އިން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އެހެންހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރައްވާއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވަނީ ލަފާކުރައްވާފައެވެ.


ރާއްޖޭގެ ކަނޑުތައް އުތުރާއި މެދުރާއްޖެތެރޭގައި ގަދަވިނަމަވެސް ދެކުނުގެ ކަނޑުތައް މަޑުވާނެ ކަމަށް ލަފާކުރައްވާފައި ވެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައި ހުނންނައިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި ހަތް ފޫޓަށް ކަމުގައި ވެސް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު