ސަކެޕް ޒަމާނާ އެއްގޮތަށް ރިފޯމް ކުރުމަށް މިނިސްޓަރ ތާރިގް ގޮވާލައްވައިފި

3 months ago

އަފްރާހް

ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ޒަމާނާ ގުޅޭގޮތަށް ރިފޯމްކޮށް، މިހާރަށްވުރެ ހަރުދަނާ ކުރުމަށް މަގު ޗާޓެއް އެކުލަވާލުމަށް ރާއްޖޭގެ އެންވަޔަރްމެންޓް މިނިސްޓަރ ތާރިގް އިބްރާހިމް އިލްތިމާސް ކުރައްވައިފިއެވެ.


އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ ބޫޓާންގައި ކުރިޔަށްދިޔަ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ގެ 16 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.


ޖޫން 24 އިން 26 އަށް ކުރިއަށްދިޔަ މި މީޓިންގ ނިންމުމުގެ ރަސްމިއްޔާތުގައި ތާރިގު ވަނީ މޫސުމީ ބަދަލުތަކުން ދިމާވާ ނުރައްކާތަކާއި ކުރިމަތިލުމުގައި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ސަކެޕްގެ ބައްދަލުވުމުގެ މުހިއްމުކަން ހާމަކުރައްވާފައެވެ.


ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެ، އެކަމަށް އަވަސް ފިޔަވަޅު އެޅުމަކީ ގައުމުގެ ތިމާވެށި ރައްކާތެރިކުރުމަށް ލިބޭ ފުރުސަތެއް ކަަމަށް ވެސް ވިދާޅުވިއެވެ.


މިގޮތުން ރާއްޖެ އަށް މޫސުމީ ބަދަލުތަކުން ދިމާވާ އާންްމު ކަންކަމަށް ބަލާއިރު، ޖައްވު ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ވަޔާއި ފެން ތަޣައްޔަރު ވުމާއި، ރަށް ގިރުން ފަދަ މައްސަލަތައް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


މިފަދަ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް އެކި ގައުމުތަކުގެ ޚިޔާލު ބަދަލުކުރުމަށާއި ސަކެޕްގެ މެންބަރު ގައުމުތަކުން ރާއްޖެ އަށް ކުރިމަތިވާ މޫސުމީ ގޮންޖެހުންތައް ކުޑަ ކުރުމުގައި މަސައްކަތް ކޮށް އެހީތެރިވެދިނުމަށް ވެސް އެމަނިކުފާނު ގޮވައިލެއްވިއެވެ.


މީގެއިތުރުން ރާއްޖޭގެ ސަރުކާރުން މިފަދަ މައްސަލަތައް މަދުކުރުމަށް އަޅަމުން ގެންދާ ފިޔަވަޅުތައް ވެސް ހިއްސާ ކުރެއްވިއެވެ. އެގޮތުން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އަލި އަޅުވައިލެއްވިއެވެ.


ހަމަމިއާއެކު ސަކެޕްގެ އުސޫލުތައް ހަރުދަނާކޮށް އަލުން އެކުލަވާލުމަށް މިނިސްޓަރ ވަނީ މެންބަރު ގައުމުތަކަށް ގޮވާލައްވާފައެވެ.


މިނިސްޓަރ ވިދާޅުވީ ގައުމުތަކުގެ ސަރަހައްދީ ބޭނުންތަކާއި ކަންބޮޑުވުންތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ސަރަހައްދީ ތިމާވެށީގެ ޖަމިއްޔާއެއް ގޮތުގައި ސަކެޕް ވެފައިވާއިރު، އެ ބަދަލުތަކަށް ފުރިހަމައަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.


"އެހެންކަމުން، ޕްރޮއެކްޓިވް ރޯލްތައް އަދާކުރުމުގަޔާއި، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އިސްވެ ތިމާވެށީގެ މައްސަލަތަކަށް އަޑުއުފުލާ މަސައްކަތް ކުރެވޭނެ ޖަމްއިއްޔާއަކަށް ސަކެޕް ހެދުމަށްޓަކައި އުސޫލުތައް އިސްލާހުކޮށް ރީސްޓްރަކްޗަރ ކުރުމަކީ މުހިއްމުކަމެއް ކަމުގައި އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން." މިނިސްޓަރ ތާރިގް ވިދާޅުވިއެވެ.


1987 ވަނަ އަހަރުން ފެށިގެން ކުރިޔަށްގެންދާ މި ބައްދަލުވުމަކީ ސަކެޕްގެ މެންބަރު ގައުމުތަކާއި އެކުވެރި ދައުލަތްތަކުގެ އެހެނިހެން އިދާރާތައް ހިމެނޭގޮތަށް ތިމާވެށީގެ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރުމަށް ބާއްވާ މުހިއްމު ބައްދަލުވުމެކެވެ.


މިއަހަރު ބޭއްވީ ސަކެޕްގެ 16 ވަނަ ބައްދަލުވުމެވެ.


ކިޔުންތެރިންގެ ހިޔާލު