މިފްކޯ އަށް ސީއީއޯ އެއް ހޯދަނީ

3 months ago

އަފްރާހް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ސީއީއޯ އެއް ހޯދުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއުލާންކޮށްފިއެވެ.


ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތުން ކުރައްވާފައިވާ އިއުލާނުގައި މިމަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާއި ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.


މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މަސްވެރިކަމާއި ގުޅުންހުރި ކުންފުންޏެއް ހިންގުމުގައި މަދުވެގެން 8 އަހަރު ތަޖުރިބާ ހުރުމާއި މަދުވެގެން 4 އަހަރު މަސްވެރިކަމާއި ގުޅުން ހުރި ބައިނައަޤްވާމީ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާންޖެހެއެވެ.


މިފްކޯ އަށް އައު ސީއީއޯ އެއް ހޯދަން އިއުލާންކޮށްފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަމާހް ރަޝީދު، މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށްފަހު، އެމަގާމުން މިދިޔަ މޭއި މަހު ވަކިކުރުމަށް ފަހުއެވެ.


1993 ވަނަ އަހަރު އުފައްދާފައިވާ މިފްކޯއަކީ ފައިދާއެއް ނުލިބި ގެއްލުމުގައި ހިންގަމުންދާ ކުންފުންޏެކެވެ. އެކުންފުނީގެ ހަމައެކަނި ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނަފާ ހޯދައިދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު