ޗައިނާއާއެކު ރާއްޖެއިން ވިޔަފާރީގެ މުއާމަލާތްތަކެއް

3 months ago

އަފްރާހް

ރާއްޖެއާއި ޗައިނާގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.


މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެ ގައުމަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީޕަލްސް ބޭންކް އޮފް ޗައިނާއާއެކުގައެވެ.


އެގޮތުން ދެގައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ކުރިއަށްދާނެ ގޮތްތަކާއި ގުޅޭގޮތުން އެ ބޭންކާއެކު މަޝްވަރާ ކުރައްވާފައިވާއިރު، އެގައުމުގެ ވިޔަފާރިއާއި ބެހޭ ވަޒީރާ އެކުވެސް ވަނީ މީގެކުރީން އެފަދަ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައެވެ. އެއީ މި ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.


އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވެފައިވަނީ ޗައިނާ އިން ގެންނަ މުދަލަށް ދިވެހި ރުފިޔާ ބޭނުންކޮށްގެން މުއާމަލާތު ކުރެވޭނެގޮތް ހެދުމަކީ ދިވެހި ރުފިޔާގެ އަގު އުފުލޭނެކަމެއް ކަމުގައެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމާއެކު ވިޔަފާރިއާއި ތަރައްގީގެ ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ބްލޫ އިކޮނޮމީ ކޯޕަރޭޝަން އެއްބަސްވުމާއި، ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމާއި، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަނާ ގުޅޭ އެއްބަސްވުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު