އިޖްރައާތު ފުރިހަމަނުކޮށް ރާއްޖެ އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިގިރޭޓް ހިފަހައްޓައިފި

5 months ago

އަފްރާހް

އިޖްރައާތު ފުރިހަމަނުކޮށް ރާއްޖެ އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފަހައްޓައިފިއެވެ.


ކަސްޓަމްސް އިން ވިދާޅުވީ އިޖުރާއަތުތައް ފުރިހަމަނުކޮށް، ރާއްޖެއަށް ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުހުމަތު ކުރެވިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގެ ތަނެއް ބަލައި ފާސްކުރި ކަމަށެވެ. އަދި ބުދަ ދުވަހު މާލެ އާއި ހުޅުމާލޭގެ ތަނެއް ބަލައި ފާސްކުރި ކަމަށެވެ.


މި އޮޕަރޭޝަންގައި 173 ކާޓަން ނުވަތަ 1.7 މިލިއަން ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި މި ތަކެތީގެ ލަފާ ކުރެވޭ މާކެޓް ވެލިއުއަކީ 1.6 މިލިއަން ރުފިޔާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.


މި އޮޕަރޭޝަންގައި ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވައި، ކަސްޓަމްސް އިން ވިދާޅުވީ އެ އިދާރާގެ މަސައްކަތްތައް މިއަދު ބައްޓަންވެފައިވަނީ ދުރާލާ ކަސްޓަމްސް އަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑަރ ޕްރޮފައިލަށް ބިނާކޮށް ކަނޑައެޅޭ ހިރާސްގެ މިންވަރުތަކަށް ރިއާޔަތްކޮށް، މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ބަލައި ފާސްކުރުމުގެ މައްޗަށް ކަމަށެވެ.


މިގޮތުން ކަސްޓަމްސް އަށް ދުރާލާ ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ޤާނޫނާ ގަވައިދާ ހިލާފު ޢަމަލުތަކަށް ޝައްކު ކުރެވޭ ހާލަތްތަކުގައި، މުދާ ކްލިއަރ ކުރުމުގެ ފުރުސަތު ދިނުމަށްފަހު، އެފަދަ ޢަމަލުތައް ހިންގާ ނެޓްވޯކްތައް ހޯދާ އެފަރާތްތަކަށް ވާސިލްވުމަށްޓަކައި "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު