ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންގޮސްފި

3 months ago

އަފްރާހް

ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންގޮސްފިއެވެ.


އެކުންފުނިން މިކަން ހާމަކުރެއްވީ 'އެކްސް' ގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ވަނީ އެ ކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.


މީގެއިތުރުން އައު ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.


މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.


މި ހާދިސާއާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވެސް ވަނީ 'އެކްސް' ގައި ޕޯސްޓެއް ކުރައްވާފައެވެ.


ޓްރާންސްފޯމަރުގެ ފޮޓޯއާއެކު އެމަނިކުފާނު ކުރައްވާފައިވާ ޕޯސްޓިގައި ވަނި މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.


މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއަދު ހެނދުނު 6:12 ގައި މަޖީދިއްޔާ ސްކޫލު ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް އެތަކެތި ވަގަށް ނެގި މައްސަލައެއް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.





މި ހާދިސާ ހިނގާފައިވާއިރު، މީގެކުރީން ވެސް ވަނީ މިފަދަ ވައްކަންތައް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު