5 months ago
އިންޑިއާ - އައޯރާ ކުރޫޒް ޓުއަރިޒަމް ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
އިންޑިޔާގެ ނިއުދިއްލީގައި މިދިޔަ ޖޫން މަހުގެ 13 އަދި 14 ވަނަ ދުވަހު ބޭއްވި މި ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑެޕިއުޓީ މިނިސްޓަރ އާމިނަތު މިންނާއެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ މެންބަރު ގައުމުތަކުގެ ކުރޫޒް ޓޫރިޒަމް ދާއިރާގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ދެނެގަތުމެވެ. އަދި މި ސިނާއަތް ފުޅާކޮށް ތަރައްގީކުރުމަށް ގައުމުތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުމެވެ.
މީގެ އިތުރުން ކުރޫޒް ޓުއަރިޒަމް ދާއިރާގެ އަސާސީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރަންހުރި ކަންކަމާއި ގޮންޖެހުންތައް ދެނެގަތުމާއި މި ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ހަމަމިއާއެކު ކޮންފަރެންސްގައި ބައިވެރިވި އައޯރާ މެންބަރު ގައުމުތަކުން، އެ ގައުމުތަކުގެ ކުރޫޒް ޓުއަރިޒަމް ދާއިރާގައި ހުރި މައްސަލަތަކާމެދު މަޝްވަރާކުރެވުނެވެ. ހާއްސަކޮށް ތިމާވެށްޓަށް އަންނަ ބަދަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކުރާ އަސަރުތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ޤާއިމުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާމެދު ޚިޔާލު ބަދަލުކުރެވުނެވެ.
ރާއްޖެއިން މި ކޮންފަރެންސްގައި ހުށަހެޅި މުހިންމު ހުށަހެޅުންތަކުގެތެރޭގައި އައޯރާ މެންބަރު ގައުމުތަކުގެ ކުރޫޒް ޓުއަރ އޮޕަރޭޓަރުންގެ ނެޓްވޯކެއް ގާއިމުކުރުން ހިމެނެއެވެ. މިފަދަ ނެޓްވޯކަކުން ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އިންޑަސްޓްރީގެ މައުލޫމާތާއި ވިޔަފާރީގެ ފުރުސަތުތައް ދެނެގަނެވި، ކުރޫޒް އިންޑަސްޓްރީ އިތުރަށް ފުޅާވުމަށް މަގުފަހިވާނެއެވެ.
ހަމައެއާއެކު، އައޯރާ ގައުމުތަކުގެ ކުރޫޒް ޓުއަރިޒަމް އަސާސީ ވަސީލަތްތައް ތަރައްގީކުރުމަށް އެހީތެރިވުމާއި، އައޯރާ ކުރޫޒް ކޮންފަރެންސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިންޑަސްޓްރީގެ ފަރާތްތަކަށް ހުޅުވާލުމަށް ވެސް ހުށަހެޅުނެވެ.
މީގެއިތުރުން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މި ދާއިރާއިން އަންހެނުން ބިނާކުރުމަށް ބޭނުންވާ ހިލޭ ތަމްރީން ޕްރޮގްރާމްތަކަށް ފުރުސަތު ހުޅުވާލުމަށާއި، ކުރޫޒް ޓޫރިޒަމްގެ ސަބަބުން އިންޑިޔާ ކަނޑުގެ ތިމާވެށްޓަށާއި މި ސަރަހައްދުގެ ގައުމުތަކުގެ މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ހުށަހެޅުނެވެ.
މިފަދަ ބައިނަލްއަގްވާމީ ފޯރަމްތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ ކުރޫޒް ޓުއަރިޒަމް ދާއިރާއަށް އިތުރު ފުރުސަތުތައް ހުޅުވައި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ކުރޫޒް ޓުއަރިޒަމް އިންޑަސްޓްރީ އިތުރަށް ފުޅާކުރުމަށް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ.