މިއީ ވައުދު ފުއްދާ ސަރުކާރެއް ނޫން: އެމްޑީޕީ

3 months ago

އަފްރާހް

ރައްޔިތުންގެ މަޖިލިސް ހިންގަމުން ދަނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.


އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ މެންބަރުން ވާހަކަ ދައްކަވާ އިރު ރައީސް މުއިއްޒަށް ސަނާ ވިދާޅުވާ ކަމަށެވެ.


މީގެއިތުރުން ރައީސް އޮފީހުން ފޮނުވާ ޕޮއިންޓްތަކަކަށް ބާރުއަޅައި ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި އަދި އެއީ ސީދާ ރައީސް މުއިއްޒުގެ އެދުމަށް ހިންގަމުން ދިޔަ ކަމެއް ކަމަށެވެ.


"އެ ބޭފުޅުންނަށް އިދިކޮޅު މެންބަރުން ޖަލަށް ވެސް ލެވިދާނެ. ހައްޔަރުވެސް ކުރެވިދާނެ. އިގްތިސޯދީ އަނދަވަޅަކަށް ރާއްޖެ ވެއްޓެމުންދާ އިރު، އެކަމާ ގުޅިގެން އިގްތިސޯދު ރަނގަޅު ވާނޭ ކިޔައި މިދައްކާ ވާހަކަތަކަކީ ވެސް ހުސް ވާހަކަ." އޭނާ ވިދާޅުވިއެވެ.


މަޓޭ އިތުރަށް ވިދާޅުވީ ސިޔާސީ މަގާމުތައް އިތުރުކޮށް ދެމުން އައިސްފައި މިވަނީ ނިމިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް ބައެއް މަޖިލިސް މެންބަރުން ނުވަތަ އެ ދާއިރާއިން ބައެއް ފަރާތްތަކުގެ ރުހުން ހޯދުމަށް ބައެއް ފަރާތްތަކަށް ސިޔާސީ މަގާމު ދިނުމުން ކަމަށެވެ. އަދި އެ ފަރާތްތަކުން މިހާރު އެ ސިޔާސީ މަގާމުތަކުން ވަކި ކުރަން މި ސަރުކާރުން މަސައްކަތް ކުރަމުން ދާ ތަން ވެސް ފެންނަ ކަމަށެވެ.


މަޓޭ ވިދާޅުވީ މި ސަރުކާރަކީ ދޮގު ހަދައި އޮޅުވާލާ ސަރުކާރެއްކަން ރައްޔިތުންނަށް އެނގޭ ކަމަށާއި އެ ގޮތުން މަސްވެރިންނަށް ވެސް މި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ދޮގުހަދައި އޮޅުވާލާފައި ކަމަށެވެ. އަދި މި ސަރުކާރަކީ ވައުދުވެ ވައުދުވެސް ނުފުއްދާ ސަރުކާރެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު