ފިނޭ ބަނދަރު މަޝްރޫއު ފެށުމަށް ތައްޔާރުވެއްޖެ

3 months ago

އަފްރާހް

ހދ. ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.


މި މަސައްކަތް ކުރައްވާ ކުންފުނި، އެމްޓީސީސީން ވިދާޅުވީ އެކަަމަށްޓަކައި ޖުލައި 3 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.


މި މަޝްރޫއުގެ ދަށުން 5,848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކޮށް، 35,484.26 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމަށް ވަނީ ނިންމާފައެވެ. އަދި 5,848.05 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، 219 މީޓަރުގެ ބޭރުތޮށި ލުމަށް ވެސް ހަމަޖެހިފައި ވެއެވެ.


މީގެއިތުރުން 82 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 25 މީޓަރުގެ ގްރޮއިން ޖެހުމާއި 248 މީޓަރުގެ އެއްގަމުތޮށި ލުމަކީ ވެސް މި މަޝްރޫއުގައި ހިމަނާފައިވާ ކަމެއްކަމުގައި އެ ކުންފުނިން ވިދާޅުވެއެވެ.


އެމްޓީސީސީން އިތުރަށް ވިދާޅުވީ މި މަޝްރޫއުގައި 2,198.65 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ހެދުމާއި 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި ބަނދަރު ބައްތި އާއި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.


މިއީ 44.59 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު