ވެމްކޯގެ ހިދުމަތް ތިނަދޫ ސިޓީއަށް

3 months ago

އަފްރާހް

ވެމްކޯގެ ހިދުމަތް ތިނަަދޫ ސިޓީގައި ރަސްމީކޮށް އިފްތުތާހު ކޮށްފިއެވެ.


އެ ކުންފުނީގެ ހިދުމަތް ރާއްޖޭގެ ހުރިހައި ރަށްތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ޖުލައި 4 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.


އެސިޓީގެ މިއުޒިއަމް ޕާކުގައި ބޭއްވި މި ރަސްމިއްޔާތުގައި އެންވަޔަރްމެންޓު މިނިސްޓަރ ތޯރިޤް އިބްރާހިމް އާއި އެ މިނިސްޓްރީއަށް ނިސްބަތްވާ އެހެނިހެން ބޭފުޅުން ބައިވެރިވަޑައިގަތެވެ.


މީގެއިތުރުން ތިނަދޫ ސިޓީ ކައުންސިލްގެ މޭޔާރ ސަޢުދު ޢަލީ އާއި އެ ކައުންސިލުގެ މުވައްޒަފުންނާއި އެހެނިހެން މުވައްސަސާތަކުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.


ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނެގުމުގެ ހިދުމަތުން އެ ސިޓީގައި ވެމްކޯގެ ހިދުމަތްތައް ފަށާފައިވާއިރު، ވިޔަފާރިތަކާއި ސަރުކާރު މުއައްސަސާތަކަށް ވެސް ކުނިއުކައި ދިނުމުގެ ހިދުމަތް ވެސް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.


މިގޮތުން ވިޔަފާރީތަކުން ލީޓަރަކަށް 0.16 ރުފިޔާ ގޭބިސީތަކުން 150 ރުފިޔާ ސަރުކާރު އޮފީސްތަކުން ލީޓަރަކަށް 1.27 ރުފިޔާ އަދި ކޮމަރޝަލް ގޭޓްފީގެ ގޮތުން ޓަނޭޖަކަށް 2660 ރުފިޔާގެ ރޭޓުން ހިދުމަތްތަކަށް އަގު ނެގުމަށް ވަނީ ނިންމާފައެވެ.


މީގެއިތުރުން އަމިއްލަ ގޮތުން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ކުނި ބަރުކޮށް ގެންދެވޭ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށް ޓަނޭޖަކަށް 108 ރުފިޔާ ގެ ގޭޓްފީއެއް ނެގުމަށްފަހު ކުނި އުކާލުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު