އުރީދު ފަން ރަން 2000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވައިފި

3 months ago

އަފްރާހް

2000 އަށްވުރެ ގިނަ ބައިވެރިންނާއެކު އުރީދު ފަން ރަން ބާއްވައިފިއެވެ.


ހައްދުންމަތީގައި މިއަދު ހަވީރު 4 ން 6 އަށް ބޭއްވި މި ދުވުމުގައި 1500 އާއި 2000 އާއި ދެމެދުގެ އަދަދަކަށް ބައިވެރިން ބައިވެރިވެފައިވާކަމަށް އުރީދޫން ވިދާޅިވެއެވެ.


މިއަހަރުގެ ދުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ރާފިޢުގެ އަދި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ބައިވެރިވެވަޑައިގެންނެވިއެވެ.


މީގެއިތުރުން އުރީދޫގެ އިސްވެރިންނާއި ފުޓުބޯޅަ ކްލަބް "ޕީއެސްޖީ"ގެ ލެޖެންޑް ޖޭޖޭ އޮކާޗާ ވެސް ވަނީ ބައިވެރިވެފައެވެ.


ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ.


6 އަހަރުން މަތީގެ ހުރިހައި ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު މިދުވުމުގައި އޮންނައިރު، މިއީ ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ ދުވުމެކެވެ.


ލ. ގަމު މުކުރިމަގު އަވަށުގެ ޖެޓީ ސަރަޙައްދުން ފެށި މި ދުވުމަށް ޚާއްސަކޮށްފައިވާ ރޫޓުން ތަފާތު 4 އޮޕްސްޓެކަލްއެއް ހުރަސްކުރުމަށްފަހު ބައިވެރިން ދުވުން ނިންމާލާފައިވަނީ ވެސް ދުވުން ފެށި ސަރަޙައްދަށެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފޯމް، ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.


މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމުމުގެ އިޙްތިޔާރު ދުވުމުގެ ބައިވެރިންނަށް އޮވެއެވެ.


އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަޤުބޫލު އެއް ހަރަކާތެވެ.


މިއީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ތަފާތު ތަޖުރިބާތަކެއް ލިބިގެންދާ ދުވުމެކެވެ. އަދި އާއިލާއާއި ރައްޓެހިންނާއި އެކުވެރިންނާއެކު މަޖާ، އުފާވެރި އަދި ހަށިހެޔޮ މާހައުލަކުން ބައްދަލުކޮށްލުމަށް ވެސް ލިބޭ ރަނުގެ ފުރުސަތެކެވެ.


އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. 


ކިޔުންތެރިންގެ ހިޔާލު