ޑިމެންޝިއާ ގެ މައުލޫމާތު ދިނުމުގެ ދެވަނަ ސެޝަން ފުވައްމުލައް ސިޓީގައި ބާއްވަނީ

5 months ago

އަފްރާހް

ޑިމެންޝިއާ ގެ މައުލޫމާތު ދިނުމުގެ ދެވަނަ ސެޝަން ފުވައްމުލައް ސިޓީގައި ބާއްވަން ނިންމައިފިއެވެ.


މިއީ އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ސެޝަންތަކެކެވެ. މީގެ ފުރަތަމަ ސެޝަން ކުޅުދުއްފުށި ސިޓީގައި ބާއްވާފައިވާއިރު، ދެވަނަ ސެޝަން ފުވައްމުލައް ސިޓީގައި ބޭއްވުމަށް ނިންމާފައިވަނީ މެއި 18 ވަނަ ދުވަހުއެވެ.


'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން އެ ސޮސައިޓީގެ ކޯފައުންޑަރ އަދި ޗެއަރޕާރސަން ހުސައިން ނިޔާޒު ވިދާޅުވީ މި ސެޝަންގައި ވެސް ޑިމެންޝިއާ އާއިގުޅޭ މައުލޫމާތު ދިނުމާއި ޕެނަލް ޑިސްކަޝަން ހިމެނޭ ކަމަށެވެ. އަދި ކުރެހުމުގެ މައުރަޒު ވެސް ހިމެނޭ ކަމަށެވެ.


މި ސެޝަން އޮންނާނީ މެއި 18 ވާ ހޮނިހިރު ދުވަހުގެ ހަވީރު 3:45 ގައި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގައި ކަމަށް ނިޔާ ވިދާޅުވިއެވެ.


މީގެއިތުރުން ޑިމެންޝިއާ އަށް ސަމާލުވާންޖެހޭ 10 ކަމަކަށް އަލިއަޅުވައިލާ، އެހީދާރެއްގެ ވާހަކަ ގެނެސްދިނުމަށް ވެސް ހަމަޖެހިފައި ވެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާއި ޑިމެންޝިއާ އާ ހުރި ގުޅުމުގެ ވާހަކަ ވެސް ދައްކައި، ހޭލުންތެރި ކުރުވުމަށް ވަނީ ނިންމާފައެވެ.


ފުވައްމުލައް ސިޓީގައި ބާއްވާ މި ސެޝަންގެ މޮޑަރޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ މަޝްހޫރު ނިއުސް އެންކަރ އަދި އެޑިއުކޭޓަރ ޞާބިރާ އަހްމަދުއެވެ. ޕެނަލިސްޓުންގެ ގޮތުގައި ސައިކޮލޮޖީ ލެކްޗަރަރ އަޒްރާ އަބްދުއް ސައްތާރު، ގްލޯބަލް ޑިމެންޝިއާ އެކްސްޕަރޓް ޕެނަލް މެމްބަރު، އަލްޒައިމަރސް ޑިސީސް އިންޓަރނޭޝަނަލް ޑރ. ރުޚްސާނާ އަހްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ.


މީގެއިތުުރުން މަހާ ގެ ރައީސް ޑރ. މުހައްމަދު އަލީ އާއި ޑރ. ޢަބްދުލްއަޒީޒު ޔޫސުފް އަދި ޑރ. ޝީހ ޕޯ ޓިއޯ ބައިވެރިވެވަޑައިގަންނަވާނެއެވެ. ނަމަވެސް މި ތިންބޭފުޅުން ބައިވެރިވާނީ އޮންލައިންކޮށްނެވެ.


އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ބޭއްވި ސެޝަނަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އުއްމީދަކީ ފުވައްމުލައް ސިޓީން ވެސް މިފަދަ، ނުވަތަ މިއަށްވުރެ ބޮޑު ތަރުހީބެއް ލިބުން ކަމަށެވެ.


އެ ސޮސައިޓީން އިތުރަށް ވިދާޅުވީ މިފަދަ އިތުރު ސެޝަނެއް މި މެއި މަހުގެ 25 ވަނަ ދުވަހު އައްޑުސިޓީގައި ވެސް ބާއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު