ލިތުއޭނިއާ އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރެއް ކަނޑައަޅުއްވައިފި

3 months ago

އަފްރާހް

ލިތުއޭނިޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސަލެންސީ ޑަޔަނާ މިކެވިޗިއެނޭ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.


މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.


މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.


ލިތުއޭނިޔާގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އެރުވުމުން އެމަނިކުފާނު ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފައެވެ.


އެއަށްފަހު އައު ސަފީރާއި ރައީސް ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ވިޔަފާރިތަކާއި، އިޤުތިޞާދީ ގޮތުން އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ގުޅުންބަދަހި ކުރުން ހިމެނެއެވެ.


ރާއްޖެއާ ލިތުއޭނިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1999 ވަނަ އަހަރު ޑިސެންބަރު މަހުގެ 2 ވަނަ ދުވަހުގައެވެ.


ލިތުއޭނިޔާގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ލިތުއޭނިޔާގެ ސަފީރު ހުންނަވާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ގައެވެ.


މިއީ ލިތުއޭނިޔާއިން ރާއްޖެއަށް ކަނޑައަޅުއްވި ފުރަތަމަ ސަފީރެވެ.


ކިޔުންތެރިންގެ ހިޔާލު