އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް

3 months ago

އަފްރާހް

ލީޑަރޝިޕާއި ގަވަނަންސްގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ހާމަކުރައްވައިފިއެވެ.


އެ ވުޒާރާ އިން ވިދާޅުވީ މިއީ ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ އެހީތެރިކަމާއެކު، ލީޑަރޝިޕާއި ގަވަރނަންސްގެ ދާއިރާގައި އަންހެނުން ބައިވެރިކުރުމާއި ބާރުވެރިކުރުމަށް އަމާޒުކޮށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.


މި މަސައްކަތްތަކަކީ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށާއި މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ ލީޑަރޝިޕް މަގާމުތަކާއި ވެރިކަން ހިންގުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ގޮތެއްގައި ތަމްސީލުކުރުމަށް މަގުފަހިކޮށްދިނުން ކަަމަށް ވިދާލުވެއެވެ.


އެ ވުޒާރާ އިން ވިދާޅުވީ މިކަމަށްޓަކައި 4 ސްޓްރެޓެޖިކް ތަނބެއްގެ ދަށުން 18 ކަމެއް ކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ. މި މަޝްރޫއުުގެ ދަށުން ބައިނަލްއަގްވާމީ ކޮންސަލްޓަންޓެއްގެ އެހީގައި ރިވިއު ޕްރޮސެސްތަކެއް ކުރިއަށް ގެންގޮސް، ރޭވުންތެރިކަމާއެކު ހަރުދަނާ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.


އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެންމެ ހާއްސަ އަހައްމިއްޔަތުކަމެއް ދެނީ ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަކާލާތުކުރުމެވެ. މި މަޝްރޫއުގެ ދަށުން ހުށަހަޅާފައިވާ އިންޓަރވެންޝަންތައް ބިނާވެފައިވަނީ ޑެސްކް ރިވިއުތަކާއި ޕްރިލިމިނަރީ ދިރާސާތަކުގެ ހޯދުންތަކުގެ މައްޗަށެވެ. އަދި މިހާރު ކޮންސަލްޓަންޓް ދަނީ ތަފްސީލީ ކޮންސެޕްޓް ނޯޓްތައް އެކުލަވާލައި، ކޮންމެ ނޯޓަކަށް ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.


މި މަޝްރޫއުގެ ރޯލްއައުޓް ޕްލޭންތަކާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތައް ކުރިއަށްދާއިރު، ހޯދުންތަކާއި ރަނގަޅު އުސޫލުތަކާއި ލޮބީ ސްޓްރެޓެޖީތައް ފައިނަލްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. އަދި މި މަސައްކަތުގެ ޓައިމްލައިންތަކާއި، އެކި ވުޒާރާތަކުގެ ޒިންމާތަކާއި، ބޭނުންވާ ބަޖެޓްތައް އެކުލަވާލުމުގެ މަޝްވަރާތައް ވެސް މިހާރު ދަނީ ކުރެވެމުންނެވެ.


މީގެއިތުރުން، މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ބޭއްވުމަށްފަހު މުޅި ޕްލޭން އެންޑޯސްކުރުމަށް ރައުންޑް ޓޭބަލް ކޮންފަރެންސެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މަތީ ފެންވަރުގެ އެންޑޯސްމަންޓެއް ލިބުމުން، ކަނޑައެޅިފައިވާ ހަރަކާތްތައް ކުރިއަށްގެންދާނީ އެކި ވުޒާރާތަކުން ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެންނެވެ.


އެވުޒާރާ އިން އިތުރަށް ފާހަގަކުރިގޮތުގައި މި އެކްޝަން ޕްލޭން ލޮބީކުރުމުގެ ސްޓްރެޓެޖީ އެކުލަވާލުމުގައި ގިނަ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އިސްކަންދެވޭނެއެވެ.


މިކަމުގެ ސަބަބުން ލީޑަރޝިޕާއި ގަވަރނަންސްގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އެދެވޭ ނަތީޖާ ނެރެވޭނެކަމަށް އުންމީދުކުރާކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ލީޑަރޝިޕާއި ގަވަރނަންސްގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށް ވެސް އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. 


ކިޔުންތެރިންގެ ހިޔާލު