ރާއްޖޭގައި ޒިކާ ވައިރަސް ފެތުރޭ ވާހަކައަކީ ދޮގެއް

5 months ago

އަފްރާހް

ރާއްޖޭގައި ޒިކާ ވައިރަސް ފެތުރޭ ވާހަކައަކީ ދޮގު ވާހަކައެއް ކަމުގައި ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.


އެ މިނިސްޓްރީން މީޑިއާ އަށް މައުލޫމާތު ހިއްސާކުރުމަށް ހަދާފައިވާ ވައިބަރ ގްރޫޕުގައި ވިދާޅުވީ ރާއްޖޭގައި ޒިކާ ވައިރަސް ފެތިރެމުން ދާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް ކަމަށެވެ.


މިވާހަކަ ފެތުރިފައި މިވަނީ ރާއްޖޭގައި ހަލުވި ކަމާއެކު ޑެންގީ އާއި ޗިކުންގުންޔާ ފެތުރެމުން އަންނަ ދުވަސްވަރެއްގައެވެ. ޑެނގީ އާއި ޗިކުންގުންޔާ އަދި ޒިކާ އަކީ ވެސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ.


މިބަލި ފުރަތަމަ ފެނިފައިވަނީ ރީނދޫ ހުމުގެ ވައްތަރެއް މޮނީޓަރ ކުރުމުގެތެރޭގައި ރާމާމަކުނުގެ ގައިން 1947 ވަނަ އަހަރު ޔޫގެންޑާ އިންނެވެ. އަދި 2015 ވަނަ އަހަރު ބްރެޒިލް އާއި ކޮލަމްބިޔާ އިން ވެސް މިބަލި ވަނީ ފެނިފައެވެ.


ޒިކާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ބަލީގެ އަލާމާތްތައް ފެނުމަށް ހޭދަވާ މުއްދަތު އަދި މުޅިން ސާފުކުރެވިފައެއް ނުވެއެވެ. ނަމަވެސް ސިއްހީ ބައެއް ފަރާތްތަކުން ބުނަނީ ބަލީގެ އަލާމާތްތައް ފެންނަނީ ބަލީގެ ވައިރަސް ހަށިގަނޑަށް ވަންނަތާ މަދު ދުވަސްކޮޅެއް ފަހުން ކަމަށެވެ.


މި ބަލީގެ އަލާމާތްތަކަކީ ވެސް ޑެންގީ ހުން ޖެހުމުން ފެނިދާނެ އަލާމަތް ތަކެކެވެ. އެގޮތުން ހުންއައުން، ހަމުގައި ރަތްކުލައިގެ ބިހިތަކެއްނެގުން، ލޯރަތްވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ހުޅުތަކުގައި ރިހުން، ނުތަނަސްވުން، ވަރުބަލިވުން، ފަދަ އަލާމާތްތައް ހިމެނެއެވެ.


އާންމު ގޮތެއްގައި ބަލީގެ އުނދަގޫތައް ދެމިހުންނަނީ ގާތްގަނޑަކަށް ދެ ދުވަހާއި ހަތް ދުވަހުގެ މުއްދަތަށެވެ.


ކިޔުންތެރިންގެ ހިޔާލު