މޫސުން ގޯސްވެ، ފެންބޮޑުވެދާނެތީ ރައްކާތެރިވެތިބުމަށް އެންޑީއެމްއޭ އިން އިލްތިމާސް ކުރައްވައިފި

5 months ago

އަފްރާހް

މޫސުން ގޯސްވެ، ފެންބޮޑުވެދާނެތީ ރައްކާތެރިވެތިބުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.


އެ އިދާރާ އިން މިގޮތަށް އިލްތިމާސް ކުރައްވާފައި މިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ލަފާކުރައްވާފައެވެ.


މެއި 16 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު މޫސުން ވަރަށް ގޯސްވާނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވެސް ވަނީ ލަފާކުރައްވާފައެވެ.


އެހެންވެ، އެންޑީއެމްއޭ އިން ވަނީ ވާރޭވެހި ފެންބޮޑުވެދާނެކަމަށް ތައްޔާރުވުމަށާއި ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅެއްގެގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމަށް އެދިލައްވާފައެވެ. އަދި ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ ފަދަ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމަށް ވެސް އެދިލައްވާފައި ވެއެވެ.


މީގެއިތުރުން އުސް ތަންތަނަށް ބަދަލުނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމަށާއި ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމަށް ވެސް ހަނދާންކޮށްދެއްވާފައި ވެއެވެ. އަދި ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުމަށް ވެސް ހަނދާންކޮށްދެއްވިއެވެ.


އެންޑީއެމްއޭ އިން އިތުރަށް ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުމަށާއި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރުމަށް ވެސް އެދިލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު