ދީމާގެ ކާމިޔާބީ އަށް ސަރުކާރުން ދެވެން އޮތް އެއްބާރުލުމެއް ދޭނަން: ރައީސް

5 months ago

އަފްރާހް

ފާޠިމަތު ދީމާ ޢަލީގެ ކާމިޔާބީ އަށް ސަރުކާރުން ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފަޚުރު ހޯދި ދިވެހި އެތުލީޓް ފާޠިމަތު ދީމާ ޢަލީގެ މި ތާރީޚީ ކާމިޔާބީއަށް މަރްޙަބާ ވިދާޅުވެ، ފާޠިމަތު ދީމާ ޢަލީގެ ޢާއިލާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.


ރައީސް ވަނީ މިއީ އޮލިމްޕިކް ކޮލިފައިންގެ ފައިނަލް މެޗެއް ކާމިޔާބުކޮށްގެން އޮލިމްޕިކްސްގައި ވާދަކުރުމުގެ ޝަރަފްވެރި ޖާގައެއް ދިވެހި ކުޅިވަރު ކުޅުންތެރިއަކު ޙާޞިލްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ވަރަށް އުފާކުރައްވާކަމުގައި ވިދާޅުވެފައެވެ.


ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ މޮޅު ޓޭބަލްޓެނިސް ކުޅުންތެރީންނާ ވާދަކޮށް ރާއްޖޭގެ ޒުވާން އަންހެން އެތުލީޓަކު މި ހޯދި ބޮޑު ކާމިޔާބީއަށް މުޅިރާއްޖެ ފަޚުރުވެރިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ކުޅިވަރުގެ ރޮނގުގައި ވަރަށް ޅަ ޢުމުރުގައި ފާޠިމަތު ދީމާ ޢަލީ ހޯދަމުންދާ ހަލުވި ކާމިޔާބީތަކާ ކުޅިވަރުގެ ހުނަރު އިތުރަށް އުނގެނި ކުރިއެރުމަށް ކުރަމުންދާ ހިތްވަރު ރައީސް ފާހަގަކުރެއްވީ ނަމޫނާއެއްގެ ގޮތުގައެވެ. އަދި މިގޮތުގައި ވަރުގަދަ ޢަޒުމަކާއެކު ހުއްޓުމެއްނެތި ކުރިއަށްދިއުމަށް އެދިވަޑައިގަތެވެ.


 


އޮލިމްޕިކްސްގައި ވާދަކޮށް ރަނގަޅު ކާމިޔާބީއަކާ ހަމަޔަށް ދިއުމަށް ދީމާ ޢަލީއަށް މި ލިބުނު ފުރުޞަތުގައި ދިވެހި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައި ވެއެވެ. އަދި މިއީ ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި މުޅި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލަކާ ކުރިއެރުމެއްކަމަށް ވެސް ވިދާޅުވިއެވެ.


ދެކުނު އޭޝިއާ ސަރަޙައްދުގެ އޮލިމްޕިކް ކޮލިފައިން ޓޭބަލްޓެނިސް ފައިނަލް މެޗު ކާމިޔާބުކޮށް ދީމާ މި ހޯދި ޝަރަފާއެކު، ރާއްޖޭގެ ތާރީޚުގަައި އޮލިމްޕިކް ކޮލިފައިން ފައިނަލެއް ކާމިޔާބުކޮށް އޮލިމްޕިކްސްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ އެތުލީޓަށް، އަދި އޮލިމްޕިކްސްގައި ޓޭބަލްޓެނިސް ކުޅުމުގެ ފުރުޞަތު ލިބޭ ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށްވެސް ފާޠިމަތު ދީމާ ޢަލީ ވާނެއެވެ.


މި މުބާރާތް އޮންނާނީ ފަރަންސޭސިވިލާތުގެ ޕެރިހުގައި މިއަހަރުގެ ޖުލައި 26 ން އޮގަސްޓް 11 އަށެވެ.


ކިޔުންތެރިންގެ ހިޔާލު