ޖޫން މަހު މީރާ އަށް ބަލައިގަތީ 2.05 ބިލިއަން ރުފިޔާ

5 months ago

އަފްރާހް

މިއަހަރުގެ ޖޫން މަހު މީރާ އަށް ބަލައިގަތީ 2.05 ބިލިއަން ރުފިޔާ ކަމުގައި އެ އޮތޯރިޓީން ހާމަކުރައްވައިފިއެވެ.


މީރާ އިން މައުލޫމާތުދޭ ގޮތުގައި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 26.8 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއަހަރުގެ ޖޫން މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.8 އިންސައްތަ މަދު އަދަދެކެވެ.


އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ޖީ.އެސް.ޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަަމަށް މީރާ އިން ވިދާޅުވެއެވެ. އަދި އިންކަމް ޓެކުހުގެ ބަޔާން ހުށައަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ފައިބެއަހަރުގެ ޖޫން މަހު އީދު ބަންދާއި ދިމާވުމާއި ގުޅިގެން ސުންގަޑި ޖުލައި މަހަށް ފަސްކުރިނަމަވެސް، މިއަހަރުގެ ޖޫން މަހު އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަށް ބަދަލެއް އައިސް ފައި ނުވާތީ ކަމަށް ވެސް ވިދާޅުވެއެވެ.


މީރާ އިން ވިދާޅުވީ ޖޫން މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީން ކަމަށާއި އެއީ 748.48 މިލިއަން ރުފިޔާ ކަމަށެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުން ކަމަށާއި އެއީ 629.47މިލިއަން ރުފިޔާ ކަމަށް ވެސް ވިދާޅުވެއެވެ.


މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 343.39މިލިއަން ރުފިޔާ، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 81.59 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 81.56 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 166.67މިލިއަން ރުފިޔާ ލިބިފައިވެއެވެ.


ޖޫން މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 76.57 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ. 


ކިޔުންތެރިންގެ ހިޔާލު