ނުއަގުގައި ދޯންޏެއް ހިފިކަމަށް ބުނެ ފަތުރަކީ ދޮގު ޚަބަރެއް: ފެނަކަ

3 months ago

އަފްރާހް

ނުއަގުގައި ދޯންޏެއް ހިފިކަމަށް ބުނެ ފަތުރަކީ ދޮގު ޚަބަރެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.


އެ ކޯޕަރޭޝަނުން މިފަދައިން ބުނެފައިމިވަނީ އެ ކުންފުންޏަށް ނުއަގުގައި ދޯންޏެއް ހިފިކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ޚަބަރާއި ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ.


އެ ބަޔާނުގައި ވަނީ ނުއަގުގައި ދޯންޏެއް ހިފާފައި ނުވާނެ ކަމަށެވެ. އަދި އެއީ އެކި ތާރީހުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކުގެ ލިޔުންތައް ނަކަލު ކޮށްގެން ފަތުރަމުންދާ ޚަބަރެއް ކަމަށެވެ.


ފެނަކައިން ވަނީ އެއީ ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން ކުންފުނީގެ ޕްރޮކިއުމަންޓް މުއާމަލާތްތައް ހަރުދަނާކޮށް ކުންފުނިން ހިދުމަތް ހޯދާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުބާރު ހޯދުމަށް ކުރާ މަސައްކަތަކަށް ހުރަސް އަޅާ ފިތުނަ އުފެއްދުމަށް ބަޔަކު ކުރަމުންދާ ކަމެއްގެ ގޮތުގައި ވެސް ސިފަކުރައްވާފައެވެ.


ފެނަކައިގެ ބަޔާނުގައި ވަނީ ފިތުނަވެރި ވާހަކަތަކާއި އަޑުތައް ބޭނުންކޮށްގެން ކުންފުނީގެ ސާފުވަމުންދާ ނަން ކިލަނބު ކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ނާތަހުޒީބު މަސައްކަތްތަކަކީ ނިހާޔަތަށް ޣައިރު ޒިންމާދާރު ކަމެއް ކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމުގެ ނިވަލުގައި ތިބެ، މުޖްތަމައު ފަސާދަ ކުރުމަށް ރޭވިގެން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް ކަމަށެވެ.


ފާއިތުވި ދުވަސްތަކުގެ ވަކި ވަކި ދަތުރުތަކަށް ދޯނިފަހަރު ނަގައި އެވަރެޖް ގޮތެއްގައި 7 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ހަމަޖައްސައި، އެކަމުން ނާޖާއިޒް ފައިދާތަކެއް ބަޔަކު ނަގާފައި އޮތްއޮތުން ނިމުމަކަށް ގެނެސް ކުންފުންޏަށް އެންމެ ފައިދާ ހުރިގޮތަށް އެކަންކަން ކުރަމުންދާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު