ބަލިތައް ނައްތައިލުމަށް އަމިއްލަފަރުދުން ވެސް މަސައްކަތް ކޮށްދީ: ޑރ. ޚަލީލް

5 months ago

އަފްރާހް

ވަށައި ޖެހޭ ގޮތަކަށް މަސައްކަތް ކޮށްގެން ނޫނީ މި ބަލިތައް ކޮންޓްރޯލް ނުކުރެވޭނެ ކަމުގައި ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.


މިނިސްޓަރ މިފަދައިން ވިދާޅުވީ ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.


މިދުވަސްވަރު ޗިކުންގުންޔާއާއި ޑެންގީ ފެތުރުން އިތުރުވެފައިވާތީ، އެކަން ފާހަގަކުރައްވައި، ޑރ. ޚަލީލު ވިދާޅުވީ މި ބަލިތައް ރާއްޖޭގައި ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ހުރިހައި ކަމެއް ސަރުކާރުން ކުރައްވާނެ ކަމަށެވެ.


އެހެންނަމަވެސް ސަރުކާރެކޭ އެއްގޮތަށް އަމިއްލަ ފަރުދުން ވެސް މި ބަލިތައް ނައްތާލުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ވަށައި ޖެހޭ ގޮތަކަށް މަސައްކަތް ކޮށްގެން ނޫނީ މި ބަލިތައް ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން މި ބަލިތަކުން ރައްކާތެރިވެވޭނީ މަދިރި އާލާވާ ތަންތަން ނައްތައިލައި، ސާފުތާހިރުކޮށް ގޯތިގެދޮރު ބަލަހައްޓައިގެން ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެއީ ހުރިހައި އެންމެން ވެސް ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ.


އެހެންކަމުން މިނިސްޓަރ ވަނީ ދިވެހި ކޮންމެ ފަރުދަކު ވެސް މިގޮތަށް މަސައްކަތް ކުރުމަށް ގޮވައިލައްވާފައެވެ.


ހެލްތް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، މި މެއި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޑެންގީ ހުމުގެ 747 ކޭސް ވަނީ ފެނިފައެވެ. އަދި ޗިކުންގުންޔާގެ 389 ކޭސް ފެނިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު