ގުރައިދޫ މަރުކަޒުގައި ތިބި މީހުން ޕިކްނިކަށް

3 months ago

އަފްރާހް

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަޒުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް، މަރުކަޒުން ބޭރަށް ނެރެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް މަރުކަޒުގެ ފަރާތުން ޕިކްނިކް ދަތުރެއް ކުރިއަށް ގެންގޮސްފިއެވެ.


މި ޕިކްނިކުގައި މަރުކަޒުން ފަރުވާ ހޯދަމުންދާ 11 އަންހެނުންނާއި، 12 ފިރިހެނުންނާއެކު ޖުމްލަ 23 މީހުން ވަނީ ބައިވެރިވެފަ އެވެ. އަދި މި ދަތުރުގައި އެ ފަރާތްތަކާއެކު ކެއާ ވޯކަރުންނާއި މަރުކަޒުގެ މުވައްޒަފުން ވެސް ބައިވެރިވެފައިވެއެވެ.


ގުރައިދޫގައި ގާއިމްކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މަރުކަޒުން މިފަދަ ހަރަކާތްތައް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ، މަރުކަޒުން ފަރުވާ ފުރިހަމަ ކުރުމަށްފަހު އަނބުރާ މުޖުތަމައަށް ނިކުތުމަށް ބާރުއެޅުމާއި، މުޖުތަމައުގައި އުޅޭނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން އުފާވެރި ވަގުތުކޮޅެއް މަރުކަޒުން ބޭރުގައި ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.


މަރުކަޒުން ކުރިއަށްގެންދިޔަ މި ދަތުރުގައި ސަގާފީ ކެއުމާއި، ކުޅިވަރުގެ ގިނަ ހަރަކާތްތައް، އޭގެތެރޭގައި ވޮލީބޯޅަ، ފުޓްބޯޅަ، ލަވަކިޔުމުގައި މަޖާ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ އިތުރުން ދޯނި ދުއްވުމާއި، މަންތާ ބަލާލުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.


މިދަތުރުގައި ބައިވެރިވި ބައެއް ފަރާތްތަކަކީ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު މޫދު ނުފެންނަ، ނުވަތަ މޫދުގެ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކެވެ. އެހެންކަމުން، ގުރައިދޫ މަރުކަޒުން އިންތިޒާމުކުރި މި ދަތުރަކީ ބައިވެރިންނަށް ވަރަށް ތަފާތު ތަޖުރިބާތަކެއް ލިބިގެންދިޔަ އުފާވެރި ދަތުރެއްގެ ގޮތުގައި ބައިވެރިންވަނީ ސިފަކޮށްފައެވެ.


ދައުލަތުގެ ބެލުމުގެދަށުގައި ތިބި ކޮންމެ މީހަކީވެސް އުފާވެރި ދިރިއުޅުމެއް އުޅުމުގެ ޙައްޤު ލިބިގެންވާ ފަރާތެކެވެ. އެހެންކަމުން ގުރައިދޫ މަރުކަޒުން ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލޯތްބާއި އިޚްތިރާމާއެކު ޚިދުމަތް ދިނުމާއެކު، އެތަނުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު