ނޭކުރެންދޫ އަށް ކޮންކްރީޓު ގަލުގެ ފުރަތަމަ ޝިޕްމެންޓު ގެންގޮސްފި

3 months ago

އަފްރާހް

ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް ގެންގޮސްފިއެވެ.


އެމްޓީސީސީން ވިދާޅުވި މި ޝިޕްމެންޓު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށާއި އެއްގަމުތޮށި ލުމުގެ މަސައްކަތް ޖުލައި 13 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.


މި މަޝްރޫއުގެ ދަށުން 22،323 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކޮށް، 6،806 ކިއުބިކް މީޓަރުގެ ކުރީގެ ބަނދަރު އަލުން ފުންކުރާނެއެވެ. އަދި 1،985 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، 366 މީޓަރުގެ ބޭރުތޮށި ވެސް ލާނެއެވެ.


މީގެއިތުރުން 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ނިންމާފައިވާއިރު، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ވެސް ހަދާނެއެވެ.


އެމްޓީސީސީން އިތުރަށް ވިދާޅުވީ 1،859 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ވެސް މި މަޝްރޫއުގައި ހިމެނޭ ކަމަށެވެ.


45.11 މިލިއަން ރުފީޔާގެ މި މަޝްރޫއުގައި މޫރިންގ ބޮއެ ހަރުކުރުން ވެސް ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު