މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

3 months ago

އަފްރާހް

މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ގެ އަރިހުން އެދިއްޖެއެވެ.


އެ ޕާޓީން މިގޮތަށް އެދުނީ އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މަޖިލީހުގެ ރައީސް އާ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.


މި ބައްދަލުކުރެއްވުމުގައި މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށް، ވީހާ ވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރު ކޮށްދިނުމަށް މަޖިލީހުގެ ރައީސްގެ އަރިހުން ޗެއަރޕާރސަން އެދިވަޑައިގެންނެވި ކަމަށް އެމްޑީޕީން ބުނެއެވެ.


މީގެއިތުރުން ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި އޭރު އޮތް 18 ވަނަ މަޖިލީހުގައި ކަންކަން ހިނގައިދިޔަ ގޮތަށް ފުރުސަތު ނުދެއްވުމަށް ވެސް އިލްތިމާސްކުރި ކަމަށް އެ ޕާޓީން ބުނެއެވެ.


މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޟް އިސްމާއީލާއި، ޑެޕިއުޓީ ޗެއަރޕާރސަން އިބްރާހިމް ވަހީދާއި ތަރުޖަމާނު އަނަސް އަބްދުއްސައްތާރު އަދި ސެކެޓްރީ ޖެނެރަލް ޝާޒްލީ ޝަފީގް ބައިވެރިވެ ވަޑައިގެންނެވިއެވެ.


ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އާއި ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރުން އިބްރާހިމް ފަލާހު އެވެ.


ކިޔުންތެރިންގެ ހިޔާލު