5 months ago
ވެމްކޯ އިން ހިދުމަތް ދޭ 3 ރަށެއްގައި އަންނަމަހުން ފެށިގެން ގޭޓް ފީ ނަގާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
އެގޮތުން މާފުށި، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގައި ވެމްކޯގެ ސައިޓްތަކުން ހިދުމަތްތައް ހޯދާ ފަރާތްތަކަށް އަންނަ އޮގަސްޓު މަހުން ފެށިގެން ގޭޓް ފީއެއް ޗާޖްކުރާނެކަމަށް ވިދާޅުވިއެވެ.
އެ ކުންފުނިން ވިދާޅުވީ އެ ރަށްރަށުގެ ރައްޔިތުންގެ ތެރެއިން ވެމްކޯގެ ޚިދުމަތްތަކަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް މިދިޔަ މަހުން ފެށިގެން ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.
އެހެންނަމަވެސް އެމަހު ފޯރުކޮށްދިން ޚިދުމަތަށް ބިލް ނުކުރުމަށް ނިންމާފައިވާ ކަމަށާއި މިމަހުގެ ޚިދުމަތުގެ ބިލް އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ.
އެ ތިން ރަށުން ވެމްކޯގެ ޚިދުމަތްތަކަށް ރަޖިސްޓަރކޮށްފައިވާ ގޭބިސީތަކުން މަހަކު 150 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ. އަދި މާފުށިން މި ޚިދުމަތަށް ރަޖިސްޓަރކޮށްފައިވާ ވިޔަފާރިތަކުން ލީޓަރަކަށް 0.27 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު ތިނަދޫ އަދި ކުޅުދުއްފުށީ ސިޓީން ލީޓަރަކަށް 0.16 ރުފިޔާ ނެގުމަށް ވެމްކޯއިން ވަނީ ނިންމާފައެވެ.
މީގެއިތުރުން މާފުށިން ވެމްކޯގެ ސައިޓްތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޓަނަކަށް 500 ރުފިޔާ ނަގާއިރު، ތިނަދޫ އަދި ކުޅުދުއްފުށީ ސިޓީގެ ވެމްކޯގެ ސައިޓްތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޗާޖު ކުރާނީ ޓަނަކަށް 108 ރުފިޔާގެ މަގުންވެ.
ވެމްކޯ އިން ވިދާޅުވީ އެ ތިން ރަށުގައި ވެސް ސަރުކާރު މުއައްސަސާތަކުގެ ގޭޓްފީއެއްގެ ގޮތުގައި ނެގުމަށް ނިންމާފައިވަނީ 2660 ރުފިޔާ ކަމަށެވެ.