ފިޔަވަތީގެ މުވައްޒަފުންނަށް ދީނީ މަޢުލޫމާތު ސެޝަނެއް ބާއްވައިފި

3 months ago

އަފްރާހް

ދީނީ މައުލޫމާތު ސެޝަނެއް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކުޑަކުދިން ބަލަހައްޓަމުން ގެންދާ ފިޔަވަހި ހިޔާގައި ކުރިއަށް ގެންގޮސްފިއެވެ.


މިއީ ދަރިން ތަރުބިއްޔަތުކުރުމުގައި އޯގާތެރިކަމާއި ކެތްތެރިކަން އިސްކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.


ފިޔަވަތީގައި މަސައްކަތްކުރަމުން ގެންދާ 110 މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުލައި 15 ވަނަ ދުވަހުގެރޭ 9 ޖެހިއިރު، ކުރިއަށްގެންދިޔަ މި ސެޝަނަކީ ޖަމުއިއްޔަތުއް ސަލަފުގެ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާ ސެޝަނެކެވެ.


މި ދަރުސްގެ މައިގަނޑު މަޤްސަދަކީ ދީނީ ނަޒަރަކުން ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންވީ ކަންކަމަށް، ފިޔަވަތީގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުވުމެވެ. އެގޮތުން ކުދިން ތަރުބިއްޔަތުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިކަމާއެކު ކުރިމަތިލުމާއި، އޯގާތެރިކަމާއެކު އެކުދިންގެ ކަންކަން ބެލެހެއްޓުމުގެ މުހިންމުކަމާއި، އިސްލާމްދީން އެކަންކަމަށް ބާރުއަޅާ މިންވަރު ސެޝަންގައި ވަނީ އަލިއަޅުވާލާފައެވެ.


މީގެއިތުރުން ދައުލަތުގެ ބެލުމުގެދަށުގައި ތިބޭ ކުދިންނަށް އަޅާލުމާއި އޯގާތެރިވުމުގެ މަތިވެރިކަމާއި، އޭގެ ސަބަބުން ލިބޭ ދަރުމަޔާއި ޘަވާބުގެ މައްޗަށް ވެސް މި ސެޝަންގައި ވަނީ އަލިއަޅުވާލައިފައެވެ.


އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ރައްކާތެރި، އަމާން އަދި އުފާވެރި މާހައުލެއް ގާއިމްކުރުމަށްޓަކައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު