އިމިގްރޭޝަން ވޮޗް - ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކަށް އޮތް ހައްލެއް!

3 months ago

އަފްރާހް

"އިމިގްރޭޝަން ވޮޗް" ތަޢާރަފްކޮށްފިއެވެ.


މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރި ހިދުމަތެކެވެ. އަދި އެފަދަ ބިދޭސީންގެ މައްސަލަތަކާއި އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ޕްލެޓްފޯމެކެވެ.


މި ހިދުމަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ބިދޭސީން ހިންގާ ވިޔަފާރިތަކަށް ހާއްސަކޮށްގެން މިހާރު ފަށާފައިވާ އޮޕަރޭޝަންތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. ގިނަ ބިދޭސީންނާއި ގުޅޭ މަޢުލޫމާތު ސޯޝަލް މީޑިއާ ފަދަ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހިއްސާކުރަމުންދާ ކަމަށެވެ.


މީގެއިތުރުން މި ހިދުމަތުގެ ސަބަބުން އެންމެނަށް އެއް ޕްލެޓްފޯމެއްގެ ދަށުން މައްސަލަތައް ރިޕޯޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.


މި ހިދުމަތް ތައާރަފްކުރުމުގެ މަގްސަދަކީ މުޖުތަމައުގެ ރައްކާތެރިކަން އިތުރުކޮށް، އިމިގްރޭޝަންގެ ގާނޫނުތައް ދެމެހެއްޓުމަށް އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރާ ބިދޭސީން ދެނެގަތުމެވެ. އަދި އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި ޝާމިލްވާ ބިދޭސީން ރިޕޯޓު ކުރުމުގައި މިހާރަށްވުރެ ލުއިފަސޭހަ ގޮތެއް ހޯދައިދިނުމެވެ.


"އިމިގްރޭޝަން ވޮޗް"ގެ ޒަރިއްޔާއިން ރިޕޯޓުކުރާ ފަރާތާއި ރިޕޯޓު ކުރާ މައްސަލައިގެ ސިއްރިއްޔާތު ދެމެހެއްޓޭނެއެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތުން އެފަރާތުގެ މައުލޫމާތު ހާމަކުރަން ބޭނުންނުވާ ހާލަތެއްގައި އެގޮތަށް ވެސް ރިޕޯޓުކުރެވޭނެއެވެ.


ހަމައެއާއެކު، އާއްމުންނަށް މި ޕްލެޓްފޯމް މެދުވެރިކޮށް އަގުހުރި މައުލޫމާތުތަކެއް ހިއްސާކޮށްގެން ބޮޑެތި ކުށްތައް ހުއްޓުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިގޮތަށް ދެވޭ ތަފްސީލީ މައުލޫމާތުގެ ސަބަބުން، ބޮޑެތި ކުށްކުރާ ފަރާތްތައް ދެނެގަނެ، މިފަދަ މައްސަލަތައް އަވަހަށް ބެލުމުގައި އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.


"އިމިގްރޭޝަން ވޮޗް" ގެ ޚިދުމަތް 24 ގަޑިއިރު އޮންލައިން ކޮށް imuga.immigration.gov.mv މެދުވެރިކޮށް ލިބިގެންދާނެއެވެ. އަދި މި ވެބްސައިޓަށް ވަޑައިގެން "އިމިގްރޭޝަން ވޮޗް" ޚިޔާރުކުރެއްވުމަށްފަހު، މައްސަލައިގެ ތަފްސީލާއެކު ފޮޓޯ ވެސް މި ޕްލެޓްފޯމަށް ހުށައެޅޭނެއެވެ.


އިމިގްރޭޝަންގެ މަގްސަދަކީ ގާނޫނީ އުސޫލުތައް ދެމެހެއްޓުމާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު

ޑެވިލް

މަޖްލިސް މެންބަރުން ތިކަން ހުއްޓުވާލާނެ. ޓައި އެޅި ޝައިތޯނުން ތަކުގެ ޖަރީމާތަށް ހާމަވެދާނެތީ.

3 months ago