އުރީދޫ މަސްރޭސް މިއަހަރު ވެސް ތިން ރަށެއްގަ، މިހާރު ބައިވެރިވެވޭނެ

3 months ago

އަފްރާހް

އުރީދޫ މޯލްޑިވްސް އިން ކޮންމެއަހަރަކު ވެސް ބާއްވަމުން އަންނަ މަސް ރޭސް މިއަހަރު ވެސް ރާއްޖޭގެ ތިން ރަށެއްގައި ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ.


މިއަހަރުގެ މުބާރާތް ބާއްވަނީ އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަމަށާއި މުބާރާތް އޮންނާނީ އޯގަސްޓް މަހު ކަމަށް ވިދާޅުވިއެވެ. އަދި މި އަހަރުގެ މަސްރޭސް ވަނީ ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫ ސިޓީގައި ކަމަށް ވެސް ވިދާޅުވެއެވެ.


މިކަމާއިގުޅޭގޮތުން މައުލޫމާތު ދިނުމަށް ޖުލައި 17 ވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މަސްރޭސް 2024 އިންތިޒާމް ކުރުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި ގުޅިގެން މަސައްކަތް ކުރުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.


މީގެއިތރުރުން މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އަދި އެންމެ މަޖާ، އުފާވެރި މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމަށް ހުރިހައި ފަރާތްތަކަށް ވެސް ވަނީ ދައުވަތު އަރުވާފައެވެ.


މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ މި ހަރަކާތުގެ ޕާޓްނަރއަކަށް ވުމަކީ އެ މިނިސްޓްރީއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދިވެހިންގެ އާދަކާދަތައް ދަމަހައްޓަން މުޖުތަމައު ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުތަކަށް ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަކީ އަމާޒެއް ކަމަށެވެ.


މި މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށާއި އޮންލައިން ޕޯޓަލް http://ore.do/masrace މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެކަމަށް އުރީދޫ އިން ވިދާޅުވިއެވެ. އަދި ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 8 – 12 މެމްބަރުން ތިބެންވާނެކަމަށް ވަނީ ވިދާޅުވެފައެވެ.


މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ހިންމަފުށީ 9 އޮގަސްޓް ގައެވެ. އަދި ތިނަދޫ ސިޓީގައި 16 އޮގަސްޓް ގައި ބާއްވާއިރު، ނައިފަރުގައި އޮންނާނީ 23 އޮގަސްޓުގައެވެ.


މިއަހަރުގެ މަސް ރޭހުގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރުމަށް ނިންމާފައިވާއިރު، އެ އަދަދަށްވުރެ ގިނައިން ރެޖިސްޓަރ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވާނީ ހޮވުމަށް ގުރިއަތުލުމެއް ބޭއްވުމަށް ވަނީ ނިންމާފައެެވެ. އުރީދޫ އިން ވިދާޅުވީ ގުރުއަތުން ނުހިވޭ ޓީމުތަަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށެވެ.


މިއަހަރުގެ މުބާރާތުގައި ޖުމްލަ 126،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެއްވަނަ ޓީމަށް 25،000 ރުފިޔާ، ދެ ވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ ޓީމަށް 5000 ރުފިޔާ އެވެ.


މީގެއިތުރުން އެންމެ މޮޅު ފިރިހެން މަސްވެރިޔާއަށާއި އެންމެމޮޅު އަންހެން މަސްވެރިޔާ އަށް، ކޮންމެ މީހަަކަށް 1000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު