5 months ago
ގަވަރުނަރގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރަން ނިންމުމުން ދޭހަވަނީ މި ސަރުކާރުގައި ދުރުވިސްނުމާއި ރޭވުންތެރިކަން ނެތްކަން ކަމުގައި އިދިކޮޅު ސިޔާސީ މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
އެ ޕާޓީގެ ޗެއާރޕާރސަން ފައްޔާޟު އިސްމާއިލް 'އެކްސް' ގައި ވިދާޅުވީ އިގުތިސޯދީ ގޮތުން ވަރަށް ނާޒުކު ހާލަތެއްގައި ގައުމު އޮތް އިރު، ގަވަރުނަރު ވަކި ކުރުމަކީ ވަރަށް ކަންބޮޑުވުން ބޮޑު ކަމެއް ކަމަށެވެ.
"އެ ނިންމުން ރަޒްމުކޮށްދެނީ މި ސަރުކާރުގެ ދުރުވިސްނުމާއި ރޭވުންތެރިކަމެއް ނެތްކަން." ފައްޔާޟު ވިދާޅުވިއެވެ.
Removing Governer Hashim during such times of economic uncertainty is concerning. The unsettling of financial institutions is another sign of this govt’s short sighted decision making. A more measured and careful approach is required. I would urge the Gov of President @MMuizzu…
— Fayyaz Ismail (@faya_i) July 17, 2024
ފައްޔާޟު މިފަދައިން ވިދާޅުވެފައިވާއިރު، ގަވަރުނަރގެ މަގާމުގައި މިހާރުހުންނެވި ޢަކީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފައިވަނީ ޖުލައި 17 ވީ ބުދަ ދުވަހުއެވެ.
މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރައްވާތީކަމަށް ވިދާޅުވެ، މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްއެވެ.
ނާޒިމް ވަނީ މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމާފައިވަނީ އިގްތިސާދީ ކާރިސާއިން ގައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިނުވާކަމަށް ވިދާޅުވެފައެވެ. އެހެންވެ، އެ މަގާމުމުން އަލީ ހާޝިމް ވަކިކުރެއްވުމަށް މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއާ ގުޅިގެން އެމައްސަލަ ދިރާސާކުރުމަށް އެކޮމިޓީއަށް ފޮނުވުމުން، ދިރާސާ ކުރުމަށްފަހު މަގާމުން ވަކިކުރުމަށް ރައީސް އަށް ލަފާ އެރުވުމަށް ފާސްކުރެއްވީ މެންބަރުންގެ އިއްތިފާގުންނެވެ.