ޕާކިސްތާނުން އިސްލާމިކް މިނިސްޓްރީ އަށް ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓޮޕް ހަދިޔާކޮށްފި

3 months ago

އަފްރާހް

ޕާކިސްތާނުން އިސްލާމިކް މިނިސްޓްރީ އަށް ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.


މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެގައުމުގެ ސަރުުކާރުން ހަދިޔާކޮށްފައިވަނީ 10 ކޮމްޕިއުޓަރު ސިސްޓަމާއި 7 ލެޕްޓޮޕެވެ.


އިސްލާމިކް މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ޕާކިސްތާން އެމްބަސީގެ ފަރާތުން މި ސާމާނު ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީއެވެ. މިނިސްޓްރީގެ ފަރާތުން ސާމާނާއި ހަވާލުވެލައްވާފައިވަނީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.


ޕާކިސްތާނުގެ ސަފީރު ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނާއި ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ރާއްޖެއަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަބަދުވެސް އެގައުމު ދެމިއޮންނާނެ ކަމަށެވެ. އަދި އިސްލާމީ ގުޅުން ވަރުގަދަ ކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަަމަށެވެ.


މިނިސްޓަރ ޑރ. ޝަހީމް ވަނީ ޕާކިސްތާނުގެ ފަރާތުން ރާއްޖެއަށް، ހާއްސަކޮށް އިސްލާމިކް މިނިސްޓްރީ އަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޕާކިސްތާނު ސަފީރަށް ޝުކުރު ދަންނަވާފައެވެ.


މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގެ ޑިޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިން އަހްމަދާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައުވެރިވެވަޑާއިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު