5 months ago
ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި ތިބި ފަރާތްތަކެއް ދެނެގަނެވިއްޖެ ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު މަރިޔަމް ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ އެވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ލަހުފާ ވިދާޅުވީ އެ ވުޒާރާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ވެސް އެފަދަ ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ފަރާތްތައް އެންސްޕާގައި ރަޖިސްޓްރީކޮށް، ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން މިހާރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ މައުލޫމާތު އެކި އިދާރާތަކުން އެކި މިންވަރަށް ރައްކާކުރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށާއި މިއީ ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ބަޔަކު ހަވާސާވެ، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްނުދެވި، އިހުމާލުވުމުގެ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ.
ލަހުފާ އިތުރަށް ވިދާޅުވީ އެ ވުޒާރާގެ މަސައްކަތްތައް މިހާރު ބައްޓަންކޮށްފައިވަނީ އާއިލީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެ މަސައްކަތް ހަރުދަނާ ކުރުމުގެ މައްޗަށް ކަމަށެވެ.
އެގޮތުން އިބަމަ އާއި ހާލު ކިހިނެއް ޕްރޮގްރާމަކީ ވެސް އާއިލާތަކާއެކު ގާތުން މަސައްކަތްކޮށް، ޢާއިލާތަކުގެ ހާލަތު ވަޒަންކޮށް، ރައްކާތެރިކަން ފޯރުކޮށްދިނުމާއެކު އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދުރާލާ މަސައްކަތް ކުރުމަށް އެކަށައަޅާ ކުރިއަށް ގެންދާ ޕްރޮގްރާމުތަކެއްކަން ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، މިހާރު ވުޒާރާއިން ފަށާފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ގައުމީ ދަފްތަރު އެކުލަވާލެވިގެންދާ ހިނދު، ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި އެއްވެސް ފަރުދަކު ނުހުންނާނެކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމީހުންނަށް ދައުލަތުން އެކި މަރުހަލާތަކުގައި ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދެވޭކަން މޮނިޓަރ ވެސް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ހިމެނޭ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހާރުގެންފަވަނީ ކުރައްވަމުންނެވެ. މި ފަދަ ދަފްތަރެއް އެކުލަވާލުމަކީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން ދައުލަތުގެ އެހީތެރިކަން އެންމެނަށް ފޯރުކޮށްދިނުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތް ކުރުމެވެ.