ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފަށައިފި

3 months ago

އަފްރާހް

ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފަށައިފިއެވެ.


މިއީ ޕަމްޕް ސްޓޭޝަންތައް ގާއިމްކުރެވިފައިވާ ސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫވުން ނިމުމަކަށް ގެނައުމަށް އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔަ ހާއްސަ މަޝްރޫއެކެވެ.


މި މަޝްރޫއުގެ ދަށުން ފުރަތަމަ އޮޑާ ކޮންޓްރޯލް ސިސްޓަމް ބަހައްޓާ ބޭނުންކުރަން ފަށާފައިވަނީ އައިޖީއެމްއެޗް ސަރަހައްދުގައި ހުންނަ 4 ނަމްބަރު ޕަމްޕް ސްޓޭޝަންގައެވެ.


ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންގެ ވެންޓިލޭޝަނަށް މި ގެނެވުނު ބަދަލުގެ ތެރެއިން ޕަމްޕު ސްޓޭޝަންތަކުގައ މިހާރު ހުންނަ ވަސްހޮޅި ނަގައި، ޒަމާނީ އާ ނިޒާމެއް ޕަމްޕު ސްޓޭޝަންތަކުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި މި ނިޒާމުގެ ސަބަބުން ވައިސާފުކުރާ މިނިޒާމުގެ ސަބަބުން ޕަމްޕް ސްޓޭޝަނުން ޖައްވު ތެރެއަށްދާ ވައިގާ ހުންނަ ނޭދެވޭ ވަހުގެ މިންވަރު 99 އިންސައްތަ ދަށް ކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ އަންދާޒާ ކުރައްވާފައެވެ.


މީގެއިތުރުން މި ވަސީލަތްތައް ގާއިމް ކުރުމަށް ހަމަޖެހިފައި ވަނީ މާލޭގެ ޕަމްޕު ސްޓޭޝަން 2 ގައެވެ. އެއަށްފަހު މާލޭގައި ގާއިމްކޮށްފައިވާ 9 ޕަމްޕު ސްޓޭޝަންގައި މި ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް 1 އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ޖާގަލިބޭ ތަންތަނުގައި މި ވަސީލަތްތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ސޯލާޕެނަލް ހަރުކުރުމަށް ވެސް ނިންމާފައި ވެއެވެ.


އެމްޑަބްލިއުއެސްސީން ވިދާޅުވީ މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތް ފަސޭހަ ދިރިއުޅުމެއް ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން އެ ކުންފުނިން އިސްކަންދީގެން ކުރިއަށް ގެންދާ ހާއްސަ މަސައްކަތެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު