މާއުނގޫދޫ ބަނދަރު މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

3 months ago

އަފްރާހް

ށ. މާއުނގޫދޫ ބަނދަރު މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ.


މި މަސައްކަތުގެ އަދާހަމަ ދެއްވަމުން އެމްޓީސީސީން ވިދާޅުވީ އެރަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ.


މީގެއިތުރުން މި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓު ވެސް ޕްރޮޖެކްޓް ސައިޓަށް ގެންދެވި، ސައިޓުގައި ބޭރު ތޮށީގެ ޕްރޮފައިލިންގ މަސައްކަތާއި ނެރު ފުންކުރުމުގެ މަސައްކަތް މިހާރުކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.


އެ ކުންފުނިން ވިދާޅުވީ އައު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 71 އިންސައްތަ ފުރިހަމަކުރެވި، އެކްސެސް ޕްލެޓްފޯމްގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައި ކަަމަށެވެ.


މި މަޝްރޫއުގެ ދަށުން 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮޮށް، 3,245 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ވަނީ ނިންމާފައެވެ. އަދި 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވެސް ނިންމާފައި ވެއެވެ.


މީގެއިތުރުން 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 1،509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.


އެމްޓީސީސީން ވިދާޅުވީ ރޭމްޕެއް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ.


މިއީ 56.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު