ހިންގުން ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމަށް މިފްކޯ އިން ފިޔަވަޅުތަކެއް

3 months ago

އަފްރާހް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ހިންގުން ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.


އެ ކުންފުނިން މީސްމީޑިއާ އަށް ހިއްސާކޮށްފައިވާ މެމޯއެއްގައި ވަނީ އެ ކުންފުނީގެ "އެފިޝިއަންސީ" އިތުރުކޮށް، "ރައިޓް ސައިޒް" ކުރުމަށް ކުރިއަށް ގެންދާ "މިފްކޯ އެފިޝިއަންސީ އެކްސަސައިޒް" ގެ ދަށުން މުވައްޒަފުންނާ ގުޅޭގޮތުން ކަންކަން ކުރުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަކުން ނިންމާފައިވާ ކަމަށެވެ.


އެގޮތުން ކުންފުނީގެ ސީނިއަރ އަދި މިޑްލް މެނޭޖްމަންޓުގެ ވެރިންގެ އަސާސީ މުސާރައިން 20 އިންސައްތަ ކުޑަކުރުމަށާއި މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ފަރަގުތައް ކުޑަކުރަން ހުރިހައި ޑިޕާޓްމަންޓްތަކެއްގެ މުސާރައިގެ އޮނިގަނޑު "ހާމަނައިޒް" ކުރުމަށް ނިންމާފައިވާކަަމަށް މެމޯގައި ވެއެވެ. އަދި މަސައްކަތުގެ "ޕާފޯމެންސް" އަށް ބަލައި ވަޒީފާއިން ވަކިކުރަން ޖެހޭ މުވައްޒަފުން އުސޫލުތަކާ އެއްގޮތަށް ވަޒީފާއިން ވަކިކުރުމަށް ވެސް ވަނީ ނިންމާފައެވެ.


މީގެއިތުރުން "ޕްރޮބޭޝަން" ގައި ތިބި މުވައްޒަފުންގެ "ޕާފޯމެންސް" އަށް ބެލުމަށްފަހު ކޮންމެހެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށާއި 65 އަހަރު ވުމަށް ފަހު "ކޮންޓްރެކްޓް" މުވައްޒަފުންގެ ގޮތުގައި ތިބި މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހު ވަޒީފާއިން ވަކިކުރުން ވެސް ހިމެނެއެވެ.


މިފްކޯގެ މެމޯގައި ވާގޮތުން މިހާރު ދެމުންދާ އެލަވަންސްތައް "ހާމަނައިޒް" ކުރުމުގެ ގޮތުން ޑެޕިއުޓީ ހެޑް، އިންޖިނީރިންގ، ކޭން ޕްރޮޑަކްޝަން، ރިސްކް، ނޮން ޕްރެކްޓިސް އިން ދޭ އެލަވަންސްތައް ހުއްޓާލުމާއި ވިލިމާލެ ފެރީ އެލަވަންސް ފިޔަވާ އެހެނިހެން ފެރީ އެލަވަންސްތައް އުނިކުރުން ވެސް ހިމެނެއެވެ. އަދި "ކޮންޓްރެކްޓް" މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް ކޮންމެހެން ބޭނުންވާ ފަރާތްތައް ފިޔަވައި މި މަހުގެ ފަހުން މުއްދަތު ހަމަވާ ފަރާތްތަކުގެ ކޮންޓްރެކްޓް އާ ނުކުރުމަށް ވެސް ވަނީ ނިންމާފައެވެ.


ހަމަމިއާއެކު އިތުރު ގަޑީގައި މަސައްކަތް ކުރަން ކޮންމެހެން ޖެހޭ ފަރާތްތައް ފިޔަވައި އިތުރު ގަޑީގައި މަސައްކަތް ނުކުރުވުމަށާއި ކުންފުނި "ރައިޓް ސައިޒް" ކުރުމަށް ގެނެވޭ ބަދަލުތަކާ އެކު މުވައްޒަފުން ވަޒީފާ އިން ވަކިވާން އެދޭނަމަ ތިން މަސް ދުވަހުގެ ޕެކޭޖަކާ އެކު ވަކިވުމުގެ ފުރުސަތު ހުޅުވާލުމަށް ވެސް ނިންމާފައި ވެއެވެ.


މި މެމޯ، މީސްމީޑިއާގައި އާންމުވުމާއެކު ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ސިޔާސީ މުވައްޒަފުން ފިޔަވައި، އެހެން މުވައްޒަފުން ވަޒިފާ އިން ވަކިކުރަނީކަަމަށް ވަނީ ތުހުމަތުކޮށްފައެވެ.


އެހެންނަމަވެސް މިފްކޯ އިން ވަނީ މިއީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ "ބްލީޑް" ވާ ދިމާ ދެނެގަތުމާއި އިސްރާފު ކުޑަކުރުމަށް ގެންނަމުންދާ ހެޔޮ ބަދަލެއް ކަމަށް ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު