އެމްޕީއެލް އިން މޮޑަރން ޕޯޓް މެނޭޖްމަންޓް ކޯސް ފަށައިފި

3 months ago

އަފްރާހް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ޔޫއެން ޓްރޭޑް އެންޑް ޑެވަލޮޕްމަންޓް (އަންކްޓަޑް) ގުޅިގެން ކުރިއަށް ގެންދާ "މޮޑާރން ޕޯޓް މެނޭޖްމަންޓް" ކޯސް ފަށައިފިއެވެ.


މި ކޯސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖުލައި 21 ވަނަ ދުވަހު އެމް.ޕީ.އެލްގެ ހެޑް އޮފީހުގައެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް އަދި ޑެޕިއުޓީ ކޮންޓުރޯލަރ އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާން ބައިވެރިވެވަޑައިގަތެވެ.


އެމް.ޕީ.އެލްގެ ޗީފް ކޯޕަރޭޓް އޮފިސަރ އައިޝަތު ޝިމްލާ ވިދާޅުވީ މި ކޯހަކީ މެރިޓައިމް ޕޯޓްގެ ދާއިރާ އިން މީހުން ބިނާކުރުމަށް މުހިންމު ކޯހެއް ކަމަށެވެ. އަދި ތަޢުލީމާއި ތަމްރީނު ހާސިލްކުރުމުގައި އެމް.ޕީ.އެލްގެ ހުރިހާ މުވައްޒަފުންވެސް ގުޅިގެން، ކުރިއެރުން ހޯދަން މަސައްކަތްކުރާނެ ކަމަށެވެ.


ޝިމްލާ ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ވާދަވެރިކަންވެސް އޮންނަންވާނީ ރަނގަޅު ގޮތުގައި ކަމަށެވެ. އަދި އަޅުގަނޑުމެން ޝާމިލްވާން އެންމެ ރަނގަޅު ވާދަވެރިކަމަކީ ޢިލްމު ހާސިލްކުރުމަށް ކަމަށެވެ.


"އަޅުގަނޑު ހަނދާންކޮށްދޭން ބޭނުންވަނީ މި ތަމްރީނުގައި ތިޔަ ބައިވެރިން ތި ތިބީ އެކަންޏެއް ނޫންކަން. އަޅުގަނޑުމެންވެސް މިތިބީ ތިޔަ ހުރިހާ ބައިވެރިންނާއެކު. ހަމައެކަނި އެއް ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ގޮތުގައެއް ނޫން. އެކަމަކު ގުޅިގެން، އުނގެނި ކުރިއެރުން ހޯދާ އާއިލާއެއްގެ ގޮތުގައި،" ޝިމްލާ ވިދާޅުވިއެވެ.


މިއީ އެމް.ޕީ.އެލް އާއި އަންކްޓަޑް ގުޅިގެން މި ކޯސް ރާއްޖޭގައި ކުރިއަށް ގެންދާ ތިން ވަނަ ފަހަރެވެ. މި ކޯހަކީ 18 މަސް ދުވަހުގެ ކޯހެކެވެ. ބްލޮކް މޯޑަށް ކުރިއަށް ގެންދާ މި ކޯހުގައި މި އަހަރު ޖުމްލަ 20 ބައިވެރިން ހިމެނެއެވެ. އޭގެތެރޭގައި އެމް.ޕީ.އެލްގެ މުވައްޒަފުންގެ އިތުރުން އެމް.އެސް.އެސް އަދި އިމިގްރޭޝަންގެ މުވައްޒަފުން ހިމެނެއެވެ.


މި ކޯހުގެ ފުރަތަމަ މޮޑިއުލްތައް ނަގައިދޭނީ އަންކްޓަޑްގެ އިންފޮމޭޝަންސް ސިސްޓަމްސް އޮފިސަރ ތޯމަޒް ކުލާގާ އާއި ބްރެމޯ ޕޯޓް ކޮމްޕެނީގެ ޑިރެކްޓަރ ޖޯ ހައިނީއެވެ. 


ކިޔުންތެރިންގެ ހިޔާލު