މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެބޮޑަށް އަސަރުކުރާނީ މަސްވެރިންނާއި ދަނޑުވެރިންނަށް

7 months ago

އަފްރާހް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެބޮޑަށް އަސަރުކުރާނީ މަސްވެރިންނާއި ދަނޑުވެރިންނަށް ކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ.އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ "އަ ހޮލިސްޓިކް އެޕްރޯޗް ޓު ފުޑް ސިސްޓަމްސް ރެސީލިއަންސް އެންޑް އެޑެޕްޓޭޝަން އިން މޯލްޑިވްސް" ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އިންސެޕްޝަން ވޯކްޝޮޕް ގައި ވާހަކަ ދައްކަވަމުންނެވެ.


މިނިސްޓަރ ވިދާޅުވީ މި ސިނާއަތުގެ ހުރިހާ މަރުހަލާއެއްގައި ކްލައިމެޓް ސްމާޓް ޓެކްނޮލޮޖީ ބޭނުންކުރުމުގެ މުހިއްމުކަމަށް އަލިއަޅުއްވާލެއްވިއެވެ.


މީގެއިތުރުން އދ ގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމްއިއްޔާ (އެފް.އޭ.އޯ) އިން ސްރީލަންކާ އަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ވިމްލެންދްރާ ޝަރަން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި އިންސެޕްޝަން ވޯކްޝޮޕްގައި ކަމާއި ގުޅޭ ސަރުކާރުގެ މުއައްސަސާތަކުންނާއި، ކަމާއިގުޅުންހުރި އެހެނިހެން މަސްލަހަތުވެރިން ބައިވެރިވެ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދަން ރާވާ ހަރަކާތްކާއި ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވުނެވެ.


މި ޕްރޮޖެކްޓް އަމާޒުކުރެވިފައިވަނީ ރާއްޖޭގެ ދެކުނަށެވެ. މި ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމަށް މިހާރު ކުރިއަށްގެންދާ އެސެސްމަންޓްސްތައް ނިމުމުން ޕްރޮޖެކްޓް ކުރިއަށްގެންދާނެ ރަށްތައް ފައިނަލްކުރެވިގެންދަނެއެވެ. މި ޕްރޮޖެކްޓްގެ ފުލް ޑޮކިއުމަންޓް ތައްޔާރުކޮށް މި އަހަރު ޑިސެމްބަރު މަހު ޖެފް އަށް ހުށައަޅަން ޖެހޭނެއެވެ.


މި ޕްރޮޖެކްޓުގެ މަޤުސަދަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން ކާނާ އުފެއްދުމުގެ ނިޒާމަށް (ފުޑް ސިސްޓަމްސް) ދިމާވާ ހިރާސްތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އެކަންތައްތަކަށް ޕްރޮޖެކްޓްގެ ތެރެއިން ހައްލުހޯދައިދިނުމަށް މަސައްކަތްކުރުމާއިއެކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ އިތުރުކުރުމަށް މަގުތަނަވަސްކުރުމެވެ.


މިގޮތުން އަތޮޅުތަކުގެ ގިނައަދަދެއްގެ ބަޔަކު ނިއުޓްރިޝަންއަށާއި، އާމްދަނީ ހޯދުމަށް ބަރޯސާވާ ދެ ސިނާއަތްކަމުގައިވާ ދަނޑުވެރިކަމާއި މަސްވަރިކަމަށް، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.


މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވާފައިވަނީ ކަމާއިގުޅުން ހުރި މި ޕްރޮޖެކްޓްގެ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކޮންސަލްޓަންޓުން ހިމެނޭ ޓީމަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު