މިއަހަރުގެ ތެރޭގައި އިތުރު ދެ އެއަރލައިނެއްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

2 months ago

އަފްރާހް

މިއަހަރުގެ ތެރޭގައި އިތުރު ދެ އެއަރލައިނެއްގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެއެވެ.


އެގޮތުން މިއަހަރުގެ ތެރޭގައި ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ޔޫއޭއީގެ ބަޖެޓް އެއަރލައިނެއް ކަމުގައިވާ އެއަރ އަރަބިއާ އާއި މެލޭޝިއާ އެއަރލައިނެވެ.


މީގެތެރެއިން އެއަރ އަރަބިއާ އިން ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހުއެވެ. އެ އެއަރލައިންގެ ދަތުރުތައް ކުރުމަށް ނިންމާފައިވަނީ ޔޫއޭއީގެ ޝާރްޖާއިންނެވެ. އަދި ޝާރުޖާއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އަށް ކޮންމެ ދުވަހަކު ޑައިރެކްޓް ފްލައިޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.


އެ އެއަރލައިނުން އުދުހުންތައް ބޭއްވުމަށް ނިންމާފައިވަނީ އެއަރބަސް އޭ 320 އަދި އޭ 321 މަރުކާގެ ބޯޓުތަކުގައެވެ. މި ދަތުރުތަކުގެ ޓިކެޓް ނެގުމުގެ ފުރުސަތު ވެސް މިހާރުވަނީ ހުޅުވާލާފައެވެ.


މެލޭޝިއާ އެއަރލައިނުން ދަތުރުތައް ފެށުމަށް ތާވަލުކޮށްފައިވަނީ އޮގަސްޓް ަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެ އެއަރލައިންގެ ރާއްޖޭގެ އޭޖެންޓް އޭސް ޓްރެވަލްސް މޯލްޑިވްސް އިން ބުނެފައިވަނީ ކޮންމެ ދުވަހަކު ވެސް ދަތުރުތައް އޮންނާނެ ކަމަށެވެ.


މި ދަތުރުގެ ދެކޮޅު ޓިކެޓް އަގަކީ 186 ޑޮލަރެވެ. އެއީ 2،868.12 ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު