4 months ago
އައްޑު ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ދެ ހަފުތާގެ ތެރޭގައި ޖަނަރޭޓަރެއް ފޮނުވާނެ ކަަމަށް ފެނަކަ ކޯޕަރޭޗަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި މުއާޒު ވިދާޅުވީ އެ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.6 މެގަވޯޓުގެ ޖެނެރޭޓަރެއް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ގެންދާނެ ކަަމަށެވެ.
އައްޑު ސިޓީ އާއި ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެނީ އެ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކަރަންޓު ކޭބަލްތަކަށް ގެއްލުން ލިބޭތީ ކަމަށް މުއާޒު ވަނީ ވިދާޅުވެފައެވެ. އަދި ކޭބަލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޮޑެތި ޚަރަދުތަކެއް ހިނގާކަން ވެސް ވިދާޅުވިއެވެ.
މީގެއިތުރުން އެންމެ ފަހުން ދިމާވި މައްސަލަ ހައްލުކޮށް މިހާރު ކަރަންޓު ދީފައިވާ ކަމަށާއި އެހެންނަމަވެސް، މިހާރު ކަރަންޓު ދިނުމަށް ބޭނުން ކުރާ އިންޖީނުތައް މަރާމާތުނުކޮށް ހުރުމުން އެކަށީގެންވާވަރަށް ކަރަންޓް އުފެއްދުމުގެ ގާބިލްކަން ޖަނަރޭޓަރުތަކުގައި ނެތްކަން މުއާޒު ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައިގާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވައްދާފައިވާއިރު، އެ މައްަލަ އަށް ދާއިމީ ހައްލެއް އަންނާނީ މިހާރު ހަވާލުކޮށްފައިވާ 31 މެގަވޯޓުގެ އިންޖީނުގޭގެ މަސައްކަތް ނިމުމުން ކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ. މިމަސައްކަތް ސަރުކާރުން ވަނީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކުރެއްވީ މިއަހަރުގެ އެޕްރީލް މަހުއެވެ.