އާރްޓީއެލް ފެރީގެ ހިދުމަތް ނ. އަތޮޅަށް

2 months ago

އަފްރާހް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ނިޒާމުގެ ހިދުމަތް ނ. އަތޮޅުގައި އިފްތިތާހުކޮށްފިއެވެ.


އެމްޓީސީސީން މުޅީ ރާއްޖެއަށް އަމާޒުކޮށް ހިންގާ ފެރީ ނިޒާމުގައި ހިމެނޭ އެ އަތޮޅުގެ ހިދުމަތް އިފްތިތާހު ކުުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖުލައި 25 ވަނަ ދުވަހުއެވެ.


މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އަދި މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.


މީގެއިތުރުން އެމްޓީސީސީގެ ސީއީއޯ އަބްދު ޒިޔާދުއާއި ރައްޔިތުންގެ މަޖިލީހުގައި ނ. އަތޮޅަށް ނިސްބަތްވާ ދާއިރާތަކުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


މި ދަތުރުތައް ފެށުމަށް މީގެކުރިން ވެސް ޓެސްޓް ބުރުތައް ބާއްވާފައިވާއިރު، އެ އަތޮޅުގައި ފެރީގެ ގޮތުގައި މިވަގުތު ބޭނުން ކުރުމަށް ނިންމާފައިވަނީ ދެ ލޯންޗެވެ.


އެމްޓީސީސީން ވިދާޅުވީ އަންނަ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް އާރްޓީއެލްގެ ފެރީގެ ދަތުރުތައް ކަސްޓަމަރުންނަށް ހިލޭ ދޭނެކަމަށެވެ. އަދި ފައިސާ ނަގަންފަށާނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.


މި ހިދުމަތް ހަފުތާގެ ހުރިހައި ދުވަހެއްގައި ވެސް ދިނުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި މި ފެރީތައް ދަތުރުކުރާނީ ތިން ރޫޓަކުންނެވެ.


އެމްޓީސީސީން އާރްޓީއެލް ފެރީގެ ޚިދުމަތް މިހާރުދެމުންދަނީ ޒޯން 1 ގައި، ހއ. ހދ. އަދި ށ. އަތޮޅާއި، ޒޯން ދޭއްގައި ނ. ޅ. އަތޮޅު އަދި ޒޯން 5 ގައި ގއ. އާއި ގދ. އަތޮގެ އިތުރުން އަދި ޒޯން 6 ގައި ފުވައްމުލައް އަދި އައްޑޫ އަތޮޅަށެވެ.


މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ފެށި ހިދުމަތެކެވެ. ރަސްމީކޮށް މި ހިދުމަތް ރަސްމީކޮށް ފެށީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު