ތުރާކުނުގައި ވޯޓަރ ބަންކަރިންގ ހިދުމަތް ފެށުމަށް މަޝްވަރާކޮށްފި

2 months ago

އަފްރާހް

ތިލަދުންމަތި އުތުރުބުރީ ތުރާކުނުގައި ވޯޓަރ ބަންކަރިންގ ހިދުމަތް ފެށުމަށް މަޝްވަރާކޮށްފިއެވެ.


އެރަށު ކައުންސިލާއެކު މި މަޝްވަރާކޮށްފައިވަނީ އެމް.ޕީ.އެލްގެ ޗީފް އެގްޒެކުޓިވް އޮފިސަރ މުޙައްމަދު ވަޖީހް އިބްރާހިމް އާއި އެ ކުންފުނީގެ އިސްބައެއް ފަރާތްތައް އެރަށަށް ވަޑައިގެން ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.


މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.


ސީ.އީ.އޯ ވަޖީހް ވިދާޅުވީ ތުރާކުނު ކައުންސިލުން އެދިފައިވާ ގޮތަށް، އެ ރަށުގައި ވޯޓަރ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އެގޮތުން ވޯޓަރ ބަންކަރިންގ ޚިދުމަތް ދޭން ބޭނުންކުރާ ފްލޯޓިންގ ބާޖް ތުރާކުނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން މި ހިދުމަތް ފެށުމުން އެ ރަށުގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.


މި ހިދުމަތް އެރަށުގައި ފެށުމުގެ ކުލަ ޖެހެމުންދާއިރު، އެމް.ޕީ.އެލް އިން ވަނީ އުލިގަމު ޔޮޓް މެރީނާ ތަރައްގީކޮށް، މެރިޓައިމްގެ ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ރަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި އޯގަސްޓް 1 ވަނަ ދުވަހު ސޮއިކޮށްފައެވެ. އަދި އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް އެމްޕީއެލް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު