4 months ago
މެލޭޝިއާ އެއަރލައިންގެ ދަތުރުތައް އަނެއްކާ ވެސް ރާއްޖެއަށް ފަށައިފިއެވެ.
މި ދަތުރުތައް އަލުން ފަށާފައިވަނީ އޮގަސްޓު 1 ވަނަ ދުވަހުއެވެ. ފުރަތަމަ ފްލައިޓު އިއްޔެ ހެނދުނު 10:10 ގައި ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމުން ވަނީ ވޯޓަރ ސެލިއުޓާއެކު މަރުހަބާ ކިޔާފައެވެ.
ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި އެމްއޭސީއެލް އަދި އެމްއެމްޕީއާރްސީ އާއި މެލޭޝިއާ އެއަރލައިންސްގެ އިސްބޭފުޅުން ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މެލޭޝިއާ އެއަރލައިންސްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއަރލައިންކަން ފާހަގަކުރައްވައި، މި ދަތުރުތައް ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ.
މި އެއަރލައިންގެ ދަތުރުތައް ކޮންމެދުވަހަކު ވެސް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ބޭނުންކުރާނީ ބޮއިން 800-737 މަރުކާގެ 174 ސީޓުގެ ފުލައިޓެކެވެ.
މެލޭޝިއާ އެއަރލައިންސް އިން އެންމެފަހުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރީ 2017 ވަނަ އަހަރުއެވެ.