އުއްމީދަކީ ރައީސްގެ އިގްތިސާދީ ސިޔާސަތު ސްޓެލްކޯގައި ތަންފީޒު ކުރެވުން: އެމްޑީ

2 months ago

އަފްރާހް

ސްޓެލްކޯ މުވައްޒަފުން ވަރުގަދަ އަޒުމުގައި ސާބިތުކޮށްދެއްވަމުން އެގެންދަވަނީ ދިވެހީންނަށް ނުކުރެވޭނެ އެއްވެސް މަސައްކަތެއް ނުދެއްކޭނެކަން ކަމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ސްޓެލްކޯއަކީ ސައްތައިން ސައްތަ ދިވެހީންގެ ކުންފުންޏެއް ކަމަށެވެ. އަދި ކުންފުނީގެ އިންޖީނަކީ މުރާލި ގާބިލު މުވައްޒަފުން ކަމަށެވެ.


މީގެއިތުރުން މިއަދު ސްޓެލްކޯގެ އުމުރާނީ ތަރައްގީއާއި އިގްތިސާދީ ދުޅަހެޔޮކަމަށް ކުރެވެމުންދާ މަސައްކަތުގެ މުގުލުގައި ތިބީ އެ ކުންފުނީގެ ހީވާގި މުވައްޒަފުންކަން ވެސް އެމްޑީ ފާހަގަކުރެއްވިއެވެ. އަަދި ރެއާދުވާލު، އަތްވާއި ވާރޭގައި ފޫހިކަމެއްނެތި ގައުމީ ލޯތްބާއި ފޯރިއާއި ޖޯޝުގައި ކުރަމުން ގެންދަނީ ފައިސާ އިން މިނައި، އަގުކުރެވޭ ވަރަށްވުރެ ބުރަ ގައުމީ މަސައްކަތްތަކެއްކަން ވެސް ފާހަގަކުރެއްވިއެވެ.


އެމްޑީ އިތުރަށް ވިދާޅުވީ އެއީ އެހާމެ މަތިވެރި، ޝަރަފުވެރި މަސައްކަތެއް ކަމަށެވެ.


"ކުޅަދާނަމަކާއި ޖޯޝެކެވެ. އުފާވެރިކަމާއި ހިނިތުންވުމެކެވެ. ފޫހިކަމެއް، ވަރުބަލިކަމެއް ނެތެވެ. ތާރީޚުގައި ޒިކުރާވާނެ ފަންވަރެކެވެ. މި މަސައްކަތްތައް ނުހަނު ގާތުން އަޅުގަނޑު މިދަނީ ދުވަހުން ދުވަހަށް ބަލަމުންނެވެ." ފަހުމީ ވިދާޅުވިއެވެ.


ހަމަމިއާއެކު މުވައްޒަފުންނާ ބައްދަލުކޮށް ހިތްވަރު ދެއްވަމުން އަންނަކަން ވެސް ފާހަގަކުރައްވައި، މި މުވައްޒަފުންނަށް އެމަނިކުފާނުގެ ހިތުގައި އޮތް ލޯތްބާއި ކުލުނު މަތިވެރި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހީވާގި މުވައްޒަފުންނަށް އަބަދުމެ، އައްސަރިބަހާއި ސާބަސް ރައްދުކުރާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.


އުއްމީދަކީ މުވައްޒަފުންގެ ބައިވެރިވުމާއެކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިގްތިސާދީ ސިޔާސަތު ސްޓެލްކޯގައި ތަންފީޒުކުރެވި، މާ އުފާވެރި، މާ ފާގަތި މާދަމާއެއް ހޯދުން ކަމަށް ވެސް އެމްޑީ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު