ފުނަދޫގެ ފައިނޭންޝަލް ސެންޓަރުގެ އިމާރާތް މި ފަސް އަހަރު ތެރޭ ނިންމުމަކީ އަމާޒު: ސައީދު

2 months ago

އަފްރާހް

ފުނަދޫގައި ފައިނޭންޝަލް ސެންޓަރުގެ ޢިމާރާތުގެ މަސައްކަތް މި ފަސް އަހަރު ތެރޭގައި ނިންމާލުމަކީ އަމާޒެއް ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ 5 ވަނަ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ އެޖެންޑާ ތަންފީޒު ކުރުމުގައި ދާއިރާގެ ފަންނީ ފަރާތްތަކުން އެއްބާރުލުން ބޭނުންވާކަމަށެވެ. އަދި އިގްތިސާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކުރިއަށް ނުގެންދެވިއްޖެ ނަމަ، ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ދުނިޔޭގެ އެންމެ ބޮޑު ބާޒާރާއިއެކު މިނިވަން ވިޔަފާރީގެ ތެރެއަށް، ދެމަހެއްތެރޭ ރާއްޖެވަންނަކަން ވެސް ވަނީ ހާމަކުރައްވާފައެވެ.


"ވަންނަ އިރު އަޅުގަނޑުމެން ހިމާޔާތް ކުރި އެއް ދާއިރާ ފައިނޭންސް އެކައުންޓެންޓް ހަރަކާތްތެރިވާ ދާއިރާ. މާނައަކީ ވަނުމަކުން ބޭރު ބަޔަކަށް އެކަމަށް ނުކުރެވެއޭ. އޭގެ ބަދަލުގައި ތިބޭފުޅުންނަށް ދުނިޔޭގެ އެންމެ ބޮޑު ބާޒާރަށް ދެވޭނެ. މާކެޓް އެކްސެސް ހޯދުމަށް މިފަދަ ޕްރޮފެޝަނަލް ސިންކުޑިތަކަށް މަގުކޮށަމުން ޖާގަ ދެމުން މިދަނީ" މިނިސްޓަރު ވިދާޅުވިއެވެ.


އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްއަކީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފޯރަމެވެ.


އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ހާއްސަކޮށްގެން ބާއްވާ މޯޯލްޑިވްސް އެކައުންޓެންޓްސް ފޯރަމަކީ އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތަމްރީންކޮށް، އެކައުންޓިންގ ޕްރޮފެޝަން ކުރިއެރުވުމުގެ މަގްސަދުގައި ބާއްވާ ފޯރަމެކެވެ.


ކިޔުންތެރިންގެ ހިޔާލު