4 months ago
ކަރަންޓު ބިލްތަކާއި ކަރަންޓު ބޭނުން ކުރާ މިންވަރު ދެނަގަތުމަށާއި ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ އިލްމީ ދިރާސާއެއް ހެދުމަށް ސްޓެލްކޯ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގެ މައިގަނޑު ދާއިރާއަކީ ބިލްކުރުމުގައި ދިމާވާ އެކި މައްސަލަތަކުގެ އަސްލު ސަބަބުތައް ދިރާސާކޮށް ކަރަންޓު ބޭނުންކުރާ ވައްޓަފާޅި (ކޮންސިއުމަންޓް ޕެޓަރންސް) އާއި މޫސުމީ ބަދަލުގެ ސަބަބުން އެކަމަށް ކުރާ އަސަރު ދެނެގަތުމެވެ. އަދި ބިލްކުރުމުގެ ނިޒާމުގައި ހާމަކަން ބޮޑުކަމާއި ސައްހަކަމާއި، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް އިސްތިރާޖުތައް އެކުލަވާލުމެވެ.
މި ދިރާސާގައި ވޭތުވެދިޔަ 10 އަހަރުގެ ޑޭޓާ އިވެލުއޭޓް ކުރާނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއެވެ.
އެ ކުންފުނިން ވިދާޅުވީ މި ދިރާސާގެ އަލީގައި ކަރަންޓު ބޭނުންކުރާ ވައްޓަފާޅިއާއި ބިލްކުރުމުގެ ސައްހަކަން ވަޒަންކުރުމާއި ހަކަތައިގެ ކުރުންތެރިކަން (އެނަރޖީ އެފިޝަންސީ) އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަނެވޭނެ ކަަމަށެވެ.
މީގެއިތުރުން ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި މާލީ ގޮތުން މަސައްކަތް ކުރެވޭ ފެންވަރު ވެސް ދެނެގަނެވޭނެ ކަމަށެވެ.
މި ދިރާސާ އިން ހާސިލުކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ކެޓަގަރީތަކުގެ (ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް) ކަރަންޓު ބޭނުންކުރާ ވައްޓަފާޅި ދެނެގަތުމާއި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތަކާއި، މޫސުމީ ބަދަލުގެ ސަބަބުން ކަރަންޓު ބޭނުންކުރާ ވައްޓަފާޅިއަށް ކުރާ އަސަރު ދެނެގަތުން ހިމެނެއެވެ.
ހަމަމިއާއެކު މީޓަރ ކުރެވިފައިވާ ޔޫސޭޖް ޑޭޓާ އާއި ބިލްކުރެވޭ އަދަދުތަކާ އަޅާކިޔައިގެން ކަރަންޓް ބިލްތަކުގެ ސައްހަކަން ކަށަވަރުކުރުމާއި ބިލްކުރުމުގައި ގޯސްތަކެއް ހުރިނަމަ، ހުރި ގޯސްތަކާއި ހުރި މިންވަރު ދެނެގަނެ އަދަދުކުރުން ވެސް ހިމެނެއެވެ.
ސްޓެލްކޯ އިން އިތުރަށް ވިދާޅުވީ ކަސްޓަމަރުންނަށް ކަރަންޓް ބޭނުންކުރުން މަދުކޮށް، ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަތުމާއި ކަރަންޓް ބިލާ ގުޅޭގޮތުން ކަސްޓަމަރުންގެ ޝަކުވާތަކާއި ޚިޔާލު ދެނެގަތުމަކީ ވެސް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއެއް ކަމަށެވެ. އަދި ކުންފުނީގެ އިސްތިރާޖު ކަނޑައެޅުމާއި ގޮތް ނިންމުމުގެ މަރުހަލާތަކަށް އެހީތެރިވުމަށްޓަކައި ޚިޔާލުދީ، ތަފާސް ހިސާބާއި ދިރާސާގެ މައްޗަށް ބިނާކުރާ މަޝްވަރާ ފޯރުކޮށްދިނުމަކީ ވެސް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއެއް ކަަމަށެވެ.