![](/assets/img/janavaaru-default-logo.png)
4 months ago
ރައްޔިތުންގެ މެދުގައި އެންމެބޮޑަށް ހިޔާލުތަފާތުވުން އުފެދިފައިވާ ކަރަންޓު ބިލު ބޮޑުވާ މައްސަލައިގާ އިންސާފުވެރި، މިނިވަން، އިލްމީ ދިރާސާއެއް ހެއްދެވުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގަތީ ކަރަންޓު ބިލްތަކާއި ކަރަންޓު ބޭނުން ކުރާ މިންވަރު ދެނަގަތުމަށާއި ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ އިލްމީ ދިރާސާއެއް ހެދުމަށް ސްޓެލްކޯ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އޮގަސްޓު 5 ވަނަ ދުވަހު އެމްއެންޔޫ ގައި ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ވިދާޅުވީ މިއީ ރާއްޖޭގެ ހަޔާތުގައި އިލްމީ ދިރާސާތަކަށް ބޭސްކޮށް ޑިޒިޝަން ނެގުމުގެ އުއްމީދު އާވާ ދުވަހެއް ކަމަށެވެ. އަދި ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ.
ގައުމީ ޔުނިވަރސިޓީއަކީ ވަރަށް މިނިވަން މުވައްސަސާއެއްކަން ފާހަގަކުރައްވައި ވަނީ އެ ޔުނިވަރސިޓީ އަކީ މިގައުމުގައި މުސްތަގުބަލުގައި ވެރިކަން ކުރާނެ ޖީލެއް ބިނާކުރާތަނެއް ކަމަށެވެ.
"އެހެންވީމަ ކަރަންޓު ބިލު ބޮޑުވާ މައްސަލައިގާ މިނިވަންކަމާއި އިންސާފުވެރިކަމާއެކު އިލްމީ ދިރާސާއެއް ކުރައްވާފަ ޕަބްލިޝްކޮށްދެއްވާ. އަޅުގަނޑުމެންގެ ފަރާތުން އެއްވެސް ހިފެހެއްޓުމެއް ނެތި، މިނެއް، އިމެއް ނެތި ސިސްޓަމަށް އެކްސެސްވުމުގެ ފުރުސަތު ދޭނަން." އެމްޑީ ވިދާޅުވިއެވެ.
މީގެއިތުރުން އެމްޑީ ވަނީ ރައްޔިތުންނަށް ހަގީގަތް ހާމަވާގޮތަށް އެ ދިރާސާ ކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ.
ވޭތުވެދިޔަ 10 އަހަރުގެ ޑޭޓާ އިވެލުއޭޓްކޮށްގެން ހެދުމަށް ނިންމާފައިވާ މި ދިރާސާގެ އަލީގައި ކަރަންޓު ބޭނުންކުރާ ވައްޓަފާޅިއާއި ބިލްކުރުމުގެ ސައްހަކަން ވަޒަންކުރުމާއި ހަކަތައިގެ ކުރުންތެރިކަން (އެނަރޖީ އެފިޝަންސީ) އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަނެވޭނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއެވެ.
މި ފަހުމުނާގައި ސްޓެލްކޯގެ ފަރާތުން އެމްޑީ ހުސައިން ފަހުމީ ސޮއިކުރެއްވިއިރު، އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމްއެވެ.