މުވައްޒަފުން ތަމްރީނު ކުރުމަށް ސްޓެލްކޯ އާއި ޕޮލީ ޓެކްނިކްގެ ފަހުމުނާމާއެއް

2 months ago

އަފްރާހް

ސްޓެލްކޯގެ މުވައްްޒަފުންނަށް ސެޓްފިކޭޝަން ކޯސްތަކެއް ހިންގުމަށް ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.


މިއީ ސްޓެލްކޯ އަށް ބޭނުންވާ ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މުވައްޒަފުން ތަމްރީން ކުރުމަށާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވާރުންނަށް ސްޓެލްކޯގައި "އިންޑަސްޓްރިއަލް އެކްސްޕީރިއަންސް" ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނުމަށާއި ދެ މުވައްސަސާ ގުޅިގެން މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ބިނާކުރުމާއި ގުޅޭ އެކިއެކި ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވެވުނު ފަހުމުނާމާއެކެވެ.


މި ފަހުމުނާމާގެ ދަށުން އެއްބަސްވާ ކަންތައްތަކުގެ ތެރޭގައި ޕޮލިޓެކްނިކުން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ސްޓެލްކޯ އަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ޕޮލިޓެކްނިކުން ތަމްރީން ލިބިގެން ނިކުންނަ ދަސްވާރުންނަށް، ޖާގަ އޮތް މިންވަރަކުން ސްޓެލްކޯގައި "އިންޑަސްޓްރިއަލް އެކްސްޕީރިއަންސް" ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.


މީގެއިތުރުން ސްޓެލްކޯގެ މާލެ އަދި ގްރޭޓަރ މާލެ ރީޖަންގެ އިންޖީނުގެތަކުގައި އިންޖީނު އޯވަރހޯލް ކުރުމުގެ މަސައްކަތްތައް ހިނގަމުންދާއިރު، މި މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް ބޭނުންވާ ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ދަރިވަރުންނަށް، މި މަސައްކަތް އެ ފުރުސަތު ފަހިކޮށްދިނުން ވެސް ހިމެނެއެވެ.


ހަމަމިއާއެކު ސްޓެލްކޯގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ޓެކްނިކަލް އަދި ނަން-ޓެކްނިކަލް ދާއިރާތަކާ ގުޅޭ އެކިއެކި ކުރު ތަމްރީން ޕްރޮގްރާމްތައް ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ހިންގައިދިނުމާއި ޕޮލިޓެކްނިކް އިން ހިންގާ ސްޓެލްކޯ އިން ކުރާ މައިގަނޑު މަސައްކަތްތަކާއި ގުޅުންހުރި ކޯސްތައް ކިޔަވައި ދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކޯސް ކިޔަވައިދިނުމަށް ބޭނުންވާ އެކިއެކި އިކުއިޕްމަންޓްތަކާއި ކަމާބެހޭ އެކިއެކި އާލާތްތައް ހޯދައިދިނުމުގައި ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.


ސްޓެލްކޯ އިން ވިދާޅުވީ ޕޮލިޓެކްނިކުން ހިންގާ ކޯސްތަކުގައި ކިޔަވައި ދިނުމަށް ބޭނުންވާ ސްޓެލްކޯގެ ތަޖުރިބާ އަދި ތަޢުލީމް ހުރި މުވައްޒަފުންނަށް، ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ކިޔަވައިދިނުމުގެ ފުރުސަތު ފޯރުކޮށްދިނުމަކީ ވެސް މަގްސަދެއް ކަމަށެވެ. އަދި މަސައްކަތުގައި ބޭނުންކުރެވޭ އާލާތްތަކާއި ސާމާނަށް އަންނަ ތަރައްގީ އާއި ގުޅިގެން ޕޮލިޓެކްނިކުން ހިންގާ ކޯސްތަކުގެ ކަރިކިއުލަމް އިސްލާހު ކުރުމަށްޖެހޭ ހާލަތްތަކުގައި، ސްޓެލްކޯގެ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި ޕޮލިޓެކްނިކްގެ ފަންނީ މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ރާވާ، ހިންގުމުގައި ޕޮލިޓެކްނިކުން އެދޭ ގޮތުގެމަތީން، މި ކަންކަމުގައި ސްޓެލްކޯގެ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.


މީގެއިތުރުން ރާއްޖެއިން ބޭރުން ގެންނަ ޓްރެއިނަރުން ބޭނުންކޮށްގެން ސްޓެލްކޯގައި ހިންގާ ޕޮލިޓެކްނިކް އާއި ގުޅުންހުރި "އިން-ހައުސް ޓްރެއިނިންގ" ޕްރޮގްރާމްތަކުގައި ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ކިޔަވާ ދަރިވަރުންނަށް ޖާގައޮތް މިންވަރަކުން ހިލޭ ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް ނިްނމާފައި ވެއެވެ.


ސޮއި ކުރާ ދުވަހުން ފެށިގެން ފަސް އަހަރުގެ މުއްދަަތަށް އެކުލަވާލާފައިވާ މި ފަހުމުނާމައިގާ ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. ޕޮލީޓެކްނިކްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޒޫޝާން ކަމާލުއްދީން އެވެ. މި ފަހުމުނާމައިގާ ސޮއިކުރީ އޮގަސްޓް 6 ވީ އަންގާރަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު