އާއިލީ ގުޅުމުގެ ބޭނުމަކީ ޝަޚްސިއްޔަތު ބިނާކުރުން - އާއިލީ ގުޅުން ހަރުދަނާ ކުރޭ

2 months ago

އަފްރާހް

އާއިލީ ޒިންމާގެ ތެރޭގައި މުޖުތަމައަށް ބޭނުންވާ ހުރިހާ ދާއިރާތަކަށް މީހުން ބިނާކުރުން ހިމެނޭ ކަމުގައު ހުޖުރު ހުތުބާގައި ބުނެފިއެވެ.


ހުތުބާގައި ބުނީ އޭގެ ތެރޭގައި މުފައްކިރުންނާއި އެދުރުންނާއި ފަންނުވެރީންނާއި މަސައްކަތްތެރީންނާއި ފާރަވެރީން އުފެއްދުން ވެސް ހިމެނޭކަމަށެވެ.


އެގޮތުން އާއިލީ ގުޅުމުގެ ބޭނުމަކީ މި ފަދަ ޝަޚުސިއްޔަތުތައް ބިނާކުރުންކަން ފާހަގަކުރައްވައި، ހުތުބާގައި ބުނީ މި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭނީ އާއިލީ ގުޅުން ހަރުދަނާ ކުރެވިގެންކަމަށެވެ. އަދި އާއިލާއެއް ފެށިގެން އަންނަނީ މަތިވެރި ގުޅުމަކުންކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.


މީގެއިތުރުން މި ގުޅުންތައް ބަދަހިކޮށް ބާރުވެރިކުރުމަކީ އާއިލާގެ ކޮންމެ ފަރުދަކު ވެސް އިސްވެ އަދާކުރާން ޖެހޭ ވާޖިބެއް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އިންސާނީ ނަސްލު ހެޔޮގޮތުގައި ނެގެހެއްޓޭނީ ފާރަވެރި، އޯގާތެރި، ކެތްތެރި އާއިލާއެއްގެ ހިޔާވަހިކަން ލިބިގެން ކަމަށް ވެސް ވަނީ ހުތުބާގައި ބުނެފައެވެ.


ހުތުބާގައި އިތުރަށް ބުނީ އިސްލާމްދީނުގައި އިންސާނީ ނަސްލަށް ވަރަށް ބޮޑު އަހައްމިޔަތެއް ދީފައިވާ ކަމަށެވެ.


ހަމަމިއާއެކު އާއިލާގެ މެންބަރަކަށް ލިބެންޖެހޭ ހައްގަކުން މަހްރޫމުކުރުމަކީ އިންސާނީ ކުރިމަގަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާނެ ކަމެއް ކަމުގައި ވެސް ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.


ހާއްސަކޮށް އުމުރުން ދުވަސްވީ އާއިލީ މީހުންނާއި، ހާއްސައެހީއަށް ބޭނުންވާ މީހުންނާއި ނަފުސާނީ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ އާއިލާތަކުގެ އަޅާލުމެއް ނެތި މި ފަދަ މަރުކަޒުތަކުގައި ދިރިއުޅޭން ޖެހުމަކީ އެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވުމަށް މަގުފަހިވާ ކަމެއްކަން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު