4 months ago
ރާއްޖޭގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމަށް އަވަށްޓެރި އިންޑިއާ އާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުން އައުކުރުމާއިގުޅިގެން އިތުރު 1000 މުވައްޒަފުން ތަމްރީނު ކުރެވޭނެ ކަމަށެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފައާޒު މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެގައުމުގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ވެސް ވަނީ ފާހަގަކޮށްފައެވެ. ނިމުން ފާހަގަކޮށްފައިވަނީ އެގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެއެވެ.
އޭގެތެރޭގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި މެންޓަލް ހެލްތު ޔުނިޓާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާއި ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓު ހިމެނެއެވެ. އަދި ލ. އިހައްދޫ ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓު ވެސް ހިމެނެއެވެ.
މީގެއިތުރުން ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓާއި ތ. ތިމަރަފުށި، ވޭމަންޑޫ އަދި ގއ. ކޮނޑޭގައި ކުރިއަށްގެންދިޔަ މަގުބައްތި ހަރުކުރުމުގެ މަޝްރޫއު ވެސް ހިމެނެއެވެ.
ހަމަމިއާއެކު އިންޓަގްރޭޓެޑް ޕޭމަންޓް ސިސްޓަމާ ބެހޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ބަދަލުކުރުންވެސް މި ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައި ވެއެވެ.
އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއް ކަމަށާއި އެގައުމުން ރާއްޖެއަށް ވެދެމުން ގެންދާ އެހީތެރިން ފާހަގަކޮށް ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރައްވާނެ ކަމަށް ދެގައުމުގެ ފޮރިން މިނިސްޓަރން ވެސް ވަނީ ވިދާޅުވެފައެވެ.