4 months ago
ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ހިނދެއްގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތައް ނިންމައި، އިންޑިއާ ސަރުކާރުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އަގުނުކުރެވޭފަދަ އެކުވެރިއެއް ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު އެކުވެރިޔާގެ ގޮތުގައި ވެސް ވަނީ ސިފަ ސިފަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި މަޝްރޫއުތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޑރ. ޖަޔަޝަންކަރެވެ. ދިވެހި ސަރުކާރުން މި މަޝްރޫއިތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ މޫސާ ޒަމީރެވެ.
މި މަޝްރޫއުގެ ތެރޭގައި ހިމެނެނީ ބާވީސް ރަށެއްގައި ފެނުގެ ނިޒާމު ތަރައްގީ ކުރުމާއި ދެ ރަށެއްގެ ނަރުދަމާގެ ނިޒާމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެކުއެކީގައި ކުރިއަށްގެންދިޔަ ހަތަރު ރަށެކެވެ.
މީގެ ތެރެއިން ރަށްރަށުގައި ރިވަރސް އޯސްމޯސިސް (އާރު.އޯ.) ޕްލާންޓްތައް ގާއިމުކުރުމާއި ފެން ރައްކާކުރާ ތާނގީތައް ބެހެއްޓުމާއި ފެންފޯރުކޮށްދިނުމަށް ހޮޅިއެޅުމާއި ފެން މީޓަރު ހަރުކުރުމާއި އޮފީސް އިމާރާތް ބިނާކުރުން ހިމެނއެވެ. އަދި ލޮނުފެން ބޭރުކުރުމަށް މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ.
މީގެއިތުރުން އޮފީސް އިމާރާތުގެ ފުރާޅުގައި އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް އާރު.އޯ. ޕްލާންޓްތައް ހިންގުމަށް ހޭދަކުރާ ހަކަތައިން ބައެއް، އިއާދަކުރުވަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ ނިޒާމު ވެސް ގާއިމުކޮށްފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ގާއިމުކުރާ ނަރުދަމާ ނިޒާމުގެ ތެރޭގައި ހިމެނިގެން ގޭގެއަށް ނަރުދަމާ ހޮޅި ގުޅުމާއި ޕަންޕް ސްޓޭޝަން އެޅުމާއި މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ.
މިއީ ދިވެހި ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި 32،773 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މަސައްކަތްނިމި މިއަދު ސަރުކާރާ ހަވާލު ކުރެއްވި 28 ރަށުގެ މި މަޝްރޫޢުތަކުން، 28،298 މީހުންގެ އާބާދީއަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ. އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން 7 އިންސައްތައެވެ.